މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ފިރުޒުލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ މިއަދު ފިނޭންސްގެ ނައިބުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.
ފިނޭންސް މިނިސްޓީގެ ނައިބުގެ މަގާމާ ފިރުޒުލް ހަވާލުވެވަޑައިގަތީ ޖެނުއަރީ 27، 2019 ގައެވެ.
ފިނޭންސް މިނިސްޓްރީގެ ނައިބުގެ މަގާމުން ފިރުޒުލް އިސްތިއުފާދެއްވި ނަމަވެސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑުގައި އޭނާ ފުރުއްވަމުންގެންދަވާ ބޯޑު މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަމަށް ވިދާޅެއް ނުވެއެވެ.
ފިރުޒުލް އަކީ އެމްޑީޕީގެ ވިލިމާލެ ދާއިރާގެ ވެސް ރައީސެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވި ނަމަވެސް ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ފިރުޒުލް އިސްތިއުފާ ދެއްވުމުން މިވަގުތު ފިނޭންސް މިނިސްޓްރީގައި ހުންނެވީ އެންމެ ނައިބެކެވެ. އެއީ އަޙްމަދު އިމާން މޫސާއެވެ. އެ މިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރުން ތިއްބަވާއިރު ފައިނޭންސިއަލް ކޮންޓްރޯލާ އަކީ ވެސް ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!