2024 ވަނަ އަހަރު ނިމެންވާއިރަށް އޮސްޓްރޭލިއާގައި ގެންގުޅޭ ބަކައްޓާއި ކަންބަޅީގައި އިލެކްޓްރޯނިކް ޓެގު އަޅުވައި ނިންމަން އަންގައިފި އެވެ.
އެ މަސައްކަތަށް މުއްދަތެއް ކަނޑައަޅަން ޖެހޭކަމަށް ނިންމީ އެ ގައުމުގެ އެގްރިކަލްޗަރަލް މިނިސްޓަރު މިމަހުގެ ކުރީ ކޮޅު ބޭއްވި ބައްދަލުވުމެއްގައި އެވެ.
ވަކި މުއްދަތެއް ކަނޑައެޅި އިރު މިހާރުވެސް އެ ގައުމުގެ ސްޓޭޓްތަކުގެ ތެރެއިން ވިކްޓޯރިއާ ފިޔަވާ އެހެން ސަރަހައްދުތަކުގައި ގެރީގެ ބާވަތްތަކުގައި ޓެގު އެޅުވުމަކީ މަޖުބޫރު ކަމެކެވެ، ވިކްޓޯރިއާ މަޖުބޫރު ކުރަން ނިންމާފައިވަނީ ހަމައެކަނި ބަކައްޓާއި ކަންބަޅީގައި އެވެ.
މިފަދަ ޓެގެއް އެޅުވުމުން ޖަނަވާރުންގެ މެދުގައި ބަލި މަޑުކަމެއް ފެތުރޭ ހާލަތަކާއި އެގައުމުގައި ދިރިތިބި އެފަދަ ޖަނަވާރުތަކުގެ އަދަދު ގުނުމަށް ފަސޭހަ ވާނެ ކަމެއް މިނިސްޓްރީން ބުނެ އެވެ. މި ޓެގު އެޅުމުގައި ފާމަރުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތް ގާތުން ބަލާނެ ކަމަށް ބުނެފައިވެ އެވެ.
ޓެގު އެޅުވުން މަޖުބޫރުކޮށް މުހުލަތެއް ދިނުމާއިއެކު އިލެކްޓްރޯނިކް ޓެގުގެ އަގު އޮސްޓްރޭލިއާގައި ވަނީ ކުއްލިއަކަށް އުފުލިފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ކުރިން 26 ސެންޓަށް ރީޓެއިލްކޮށް ލިބޭ ޓެގެއްގެ އަގު މިހާރު އުޅެނީ ދެ ޑޮލަރަށެވެ.
މިހާތަނަށް މައި ސަރުކާރުގެ ނިންމުމާއި ދެކޮޅަށް ވަކާލާތު ކުރި އޮސްޓްރޭލިއާގެ ސްޓޭޓްތަކުގެ ތެރޭގައި ވިކްޓޯރިއާ އާއި ނިއު ސައުތް ވޭލްސް ހިމެނެ އެވެ. އެކަމަކު އެ ސްޓޭޓުތަކުގެ ސަރުކާރުންވެސް މިހާރު ވަނީ ޓެގު އެޅުވުމަށް ނިންމާފަ އެވެ.
މިފަދަ ނިންމުމަކަށް އަމަލު ކުރުން މަޖުބޫރު ކޮށްފައި މިވަނީ މިއަހަރު ކުރީކޮޅު އެ ގައުމުގައި ހޭންޑް ފުޓް އެންޑް މައުތްގެ އައުޓް ބްރޭކެއް އައުމުންނެވެ. މި ނިންމުމާއި އެއްގޮތަށް އަމަލު ނުކުރާ ފާމަރުންގެ ބަކަރިތަކާއި ކަންބަޅި ނުވިއްކޭނެ ކަމަށް އެ ގަވައިދުގައި ވަނީ ކަނޑައަޅާފައި އެވެ.
މި ޓެގު ޖެހުމަށް ހަމަޖެހިފައިވަނީ އެ ޖަނަވާރުތަކުގެ ކަންފަތުގައި އެވެ.
މިކަމާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނަމުން ދަނީ އިލެކްޓްރޯނިކް ޓެގު އެޅުވުމަކީ އާދައިގެ ފާމަރުންނަށް ކުރަން އެނގޭނެ އަދި ގަވައިދުން ކުރެވޭނެ ކަމަކަށް ނުވާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ކުރަން ވާނީވެސް ތަޖުރިބާކާރުންގެ އެހީގައި ކަަމަށާއި ކުދި އަވަށް ތަކަށް ތަޖުރިބާކާރުން އަބަދު ފޮނުވަކީވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!