ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ދެކޮޅަށް އެ ގައުމުގައި ބަޣާވާތެއް ހިންގި ކަމަށް ބުނެ އަޑުފެތުރު ފަހުން ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރައީސް ޝީ އެންމެ ފަހުން ވަޑައިގެންނެވީ މިމަހުގެ މެދު ތެރޭގައި އޮތް ސެންޓްރަލް އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ ސަމިޓަށެވެ. އުޒްބަކިސްތާނުގައި އޮތް އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން ހުންނެވީ ގޭ ބަންދުކޮށްފައި ކަމަށްވަނީ އަޑުފެތުރިފަ އެވެ.

Ad
rt

އޭގެ ފަހުން އިއްޔެ ފުރަތަމަ ފަހަރަށް ސަރުކާރުގެ އިސްވެރިންނާއި އެކު އަދި އާންމުން ބައިވެރިވި ތަނަކުން ފެނުނީ ވެރިރަށް ބެއިޖިންގައި އޮތް އެގްޒިބިޝަން އަކުންނެވެ.

ރައީޝް ޝީ އާއި ދެކޮޅަށް ކުރި ބަޣާވާތާއި ގުޅޭ އިތުރު މައުލޫމާތު ލީކު ނުވާނެ ގޮތް ހަދާފައިވާ ކަމަށްވެ އެވެ. އަދި އެ ބަޣާވާތް ކުރި ކަމަށް ހަބަރު ފަތުރަނީވެސް ނުރަސްމީ މަސްދަރުުތަކާއި ހަވާލާދީ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗައިނާ ރައްޔިތުން ޝީގެ ވެރިކަމާއި ދެކޮޅު ހަދަމުން ދަނީ ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުންނާއި ޗައިނާގެ އިގްތިސޯދު ދަށަށް ގޮސް އާންމު ރައްޔިތުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރުމުމުންނެވެ. އަދި ޓައިވާން އާއި ޗައިނާ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޝީ އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

މީގެ އިތުރުން ޗައިނާއިން ޓެރަރިޒަމް އާއި ދެކޮޅަށް ކުރާ މަސައްކަތް ކަމަށް ބުނެ އެއް މިލިއަނަށް ވުރެ ގިނަ ޗައިނާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަކީ ޝީއަށް އޮތް ތާއީދު ގެއްލިފައިވާ ސަބަބެކެވެ.

މިފަދަ ދަނޑިވަޅެއްގައިވެސް ވެރިކަމުގެ ދެވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ އުމުރުން 69 އަހަރުގެ ރައީސް ޝީ ކުރިޔަށް އޮތް ދައުރުގައިވެސް ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. އެއީ އޭނާ ވަނީ ޖެހިޖެހިގެން ދެ ދައުރު ވެރިކަން ކުރުމަށް ފަހު ތިން ވަނަ ދައުރަކަށް ޗައިނާގެ ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުގައި ބުނާ މާއްދާ އުވާލައްވާފަ އެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް އަންނަ މަހު 16 ވަނަ ދުވަހު ފެށޭނެ އެވެ. މި ކޮންގްރެސް ނިމޭއިރު ޝީ އިތުރު ދައުރަކަށް ވާދަ ކުރުމާއި މެދު ގޮތެއް ނިމޭނެ އެވެ.