އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ގައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ ގައުމައިގެން ކުރިއަށް ދިޔުމަށް ކަމަށެވެ.
މިއަހަރުގެ ގައުމީ ދުވަސް ގައުމީ ފެންވަރުގައި ހއ. އުތީމުގައި ފާހަގަކުރާއިރު، ރައީސުލްޖުްހޫރިއްޔާގެ ދެކަނބަލުން ވެސް މިވަގުތު ހުންނެވީ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމުގަ އެވެ.
މި އަހަރުގެ ގައުމީ ދުވަހާއި ގުޅިގެން ހއ. އުތީމުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވާފައިވާއިރު، މިއަދު ހެނދުނު 6 ޖެހި އިރު އުތީމުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ވެސް ވަނީ ބައިވެރިވަޑައިގެންފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް (މީލާދީ) ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަސް ރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުން ނެވެ.
ދިވެހީންގެ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކޮށްފައިވަނީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ ހަތަރެއް ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން އައިސްފައެއް ނުވެއެވެ.
15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށް ފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެ އެވެ.
އެމަތިވެރި ފަހުރު ދިވެހީންނަށް ހާސިލް ކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްހަތީބު ހުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްތާނުލް ގާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!