ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާ އަށް ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމާއި ގުޅޭގޮތުން ބާއްވަވާ ބައްދަލުވުމަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

Ad
rt

ސްރީލަންކާ އަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް އެހީ ހޯދައިދިނުމުގެ މެދުވެރިއަކަށް އެގައުމުން ހަމަޖައްސާފައިވަނީ ރައީސް ނަޝީދެވެ. އެމަނިކުފާނު އެކަމަށް ހަމަޖެއްސެވީ ރައީސް ނަޝީދުގެ އިސްނެންގެވުމަކަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. އެއީ މީގެ ހަތަރު މަސް ދުވަސް ކުރިން ނެވެ.

އެހެންނަމަވެސް މިހާތަނަށް އެއްވެސް އެހީއެއް ލިބިފައިވާ ކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ސްރީލަންކާގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯއްދެވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، ސީވީއެފް އަދި ސްރީލަންކާ މިޝަންގެ ބައްދަލުވުމަށް ރައީސް ނަޝީދު ވަނީ މީގެކުރިން ވެސް ވަނީ އެގައުމަށް ވަޑައިގެންފަ އެވެ.

އެގޮތުން ދެތިން ފަހަރެއްގެ މަތިން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން އެގައުމުގައި ހުންނަވައިގެން ވެސް ލަންކާއަށް އެހެން ގައުމުތަކުގެ އަދި ބައިނަލްއަގްވާމީ މާލީ ޖަމިއްޔާތަކުގެ އެހީ ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާފައި ވެއެވެ.

ލަންކާގައި ކާބޯތަކެތީގެ ދަތިކަމާއި ބޭހާއި ތެލުގެ ތާށިކަން ދިމާވެފައިވާތާ ދުވަސްތަކެއް ވެފައި ވާއިރު، ބޭރު ފައިސާއަށް ޖެހި މުހިންމު ބައެއް ތަކެތި އިމްޕޯޓް ކުރުމަށް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.