ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދެއްކި އެތަނުގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ ރައްކާތެރިކަން ކޮމްޕްރަމައިސް ވާގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާއި ގުޅިގެން ސުވާލު ކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Ad
rt

އިތުބާރު ހުރި މަސްދަރަކުން ތިލަދުން އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު އެވެ. އަދި އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ހއ އަދި ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހަނިމާދޫއަށް ފުލައިޓް ޖައްސަން ކައިރިވެފައި ވަނިކޮށް ހިނގި ހާދިސާ އެކެވެ.

ހަނިމާދޫ އެއާޕޯޓުގައި ހޭންޑްގައި މަސައްކަތްކުރާ މުވައްޒަފުން ފުލައިޓް ކައިރިޔަށް ދިއުމަށްޓަކައި ބޮޑީޗެކް ކުރިވަގުތު އެތަނުގެ މުވައްޒަފަކު އެހެން މުވައްޒަފަކު ޗެކްކުރަމުން ދަނިކޮށް ރަނގަޅަށް ޗެކްކުރުމަށާއި ބަޑިއެއް ވެސް އޮވެދާނެ ކަމަށް އެ މުވައްޒަފު (ހައްޔަރުކުރި މުވައްޒަފު) ބުނި ކަމަށް ވަނީ އެނގިފަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މުވައްޒަފު އެވަގުތު އެހެން ބުނެފައިވަނީ ސަމާސައަކަށެވެ.

އެހެން ބުނުމާއިއެކު އެ މުވައްޒަފު ހައްޔަރު ކޮށްފައިވާއިރު، ހަނިމާދޫ ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށަށް އޭނާ މިހާރުވަނީ ގެންގޮސްފަ އެވެ.

ރައީސް ވަޑައިގަންނަވާތީ ހަނިމާދޫ އެއާޕޯޓްގެ ސެކިއުރިޓީ ލެވެލްވެސް ވަނީ މަތިކޮށްފަ އެވެ.

ފްލައިޓް އޮޕަރޭޝަންހިނގާ ސަރަހައްދުގައި އެފަދަ މުއާމަލާތެއް ކުރުމަކީ ކުށެކެވެ.