ހދ. ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ނައިވާދޫ އަށް ކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި ކަންތައްތަކެއް ކޮށްދިނުމަށް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވަމުން، އެރަށު ފެނުގެ ނިޒާމް އިފްތުތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެ މަސައްކަތްތަކުގެ ތެރެއިން މިހައިތަނަށް ނުފެށި އޮތީ ބަނދަރުގެ މަސައްކަތް ކަމަށެވެ.

Ad
rt

މި ދައުރުގެ ތެރޭގައި މާލަސްތަކެއް ނުވެ، އެ މަސައްކަތް ވެސް ފަށާ، ބަނދަރުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އެރަށަށް ބޭނުންވެފައިވާ ބައެއްކަންކަމުގެ ތެރެއިން ފުޓްބޯޅަ ދަނޑުގެ މަސައްކަތް ބަޔަކާއި ހަވާލުކުރެވިފައިވާ ކަމަށާއި އެދަނޑު ނިމޭއިރު، އެތަނުގައި ޓާފް އެޅި، ރޭގަނޑު ކުޅެވޭގޮތަށް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ރަށް ހިމާޔަތް ކުރުމަކީ ކުރަންޖެހިފަ އޮތްކަމެއް. މިނިސްޓަރ އަސްލަމް އެކަމުގެ ޕްލޭނެއް އެބަގެންގުޅުއްވާ. ސްޓަޑީއެއް ހެދުމަށްފަހު އެއާބެހޭ ފީޒިބިލިޓީ އާ އެކީގަ މަސައްކަތް ކުރިއަށް ގެންދިއުމާ ހަމައިގަ އޮތީ. އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނެވާހަކަ ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އުތުރުގެ ބައެއް ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ނައިވާދޫއަށް ވަޑައިގެންފައިވާއިރު، އޭގެ ފަހުން ވަޑައިގަތީ ފިނޭ އަށެވެ. ރައީސް ވަނީ މިއަދު ފާހަގަކުރާ ރާއްޖޭގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން މިއަދު އުތީމަށް ވަޑައިގެން އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެވެ. ދެން ރައީސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ދިއްދޫ އަށެވެ.