ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ހަތަރުވަނަ ގްރޫޕުގެ އެއްވަނަ ހޯދައިގެން ނެދަލެންޑްސް، މުބާރާތުގެ ސެމީ ފައިނަލުން ފުރުޞަތު ހޯދިއިރު، ގްރޫޕް އޭގެ އެއްވަނަ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކޮރޭޝިއާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރޭ ނެދަލެންޑްސް އަމިއްލަ ޤައުމުގައި ބެލްޖިއަމްއާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ވަނީ ކާމިޔާބު ކޮށްފައެވެ. މި ނަތީޖާއާއިއެކު ނެދަލެންޑްސްއަށް ގްރޫޕްގެ އެއްވަނަ ލިބިފައި ވަނީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ބެލްޖިއަމެވެ. ގްރޫޕްގެ ތިންވަނާގައި ހަ މެޗުން ލިބުނު 7 ޕޮއިންޓާއިއެކު ޕޮލެންޑް އޮތްއިރު މި ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއި އެކު އޮތީ ވޭލްސްއެވެ.
ރޭ ނެދަލެންޑްސްއާއި ބެލްޖިއަމް ބައްދަލުކުރި މެޗުގައި ނެދަލެންޑްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވެންޑައިކެވެ. ވެންޑައިކް މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ގަކްޕޯ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ގްރޫޕްގައި ރޭ ޕޮލެންޑާއި ވޭލްސް ބައްދަލުކުރި މެޗު 1-0 ގެނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޕޮލެންޑެވެ. މި މެޗުގައި ޕޮލެންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ލެވަންޑޯސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސްވިޑާސްކީއެވެ.
ރޭ ގްރޫޕް އޭގެ އެއްވަނަ ގްރޫޕުގައި ކޮރޭޝިއާއާއި އޮސްޓްރިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކޮރޭޝިއާއެވެ. މި ނަތީޖާއާއިއެކު ކޮރޭޝިއާއަށް ގްރޫޕްގެ އެއްވަނަ ލިބިފައި ވަނީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕްގެ ދެވަނާގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ޑެންމާކެވެ. މި ގްރޫޕްގެ ތިންވަނާގައި ހަ މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކު ފްރާންސް އޮތްއިރު ގްރޫޕުގެ ފުލުގައި އޮތީ އޮސްޓްރިއާއެވެ.
ރޭ ކޮރޭޝިއާއާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ވަރަށް ކުރީކޮޅު ކޮރޭޝިއާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަވަނަ މިނެޓުގައި ނިކޯލާ ވަލްސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުކާ މޮޑްރިޗެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ސެބިޓްޒާ ވަނީ އޮސްޓްރިއާއަށް ލަނޑު ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގައި ކޮރޭޝިއާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ 69 ވަނަ މިނެޓުގައި މާކޯ ލިވާހާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ތިން މިނެޓް ފަހުން ކޮރޭޝިއާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފަރަގު ބޮޑު ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ލޮވްރެންއެވެ.
މި ގްރޫޕުގައި ރޭ ޑެންމާކާއި ފްރާންސް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޑެންމާކެވެ. ޑެންމާކުން މެޗުގައި ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ޑޮލްބާގް ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އޮލްސެންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!