ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިއާގައި އިސްލާމީ ޝަރީއާ ހުއްދަ ކުރާ ބޭންކިންގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.

ރަޝިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފު ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފަ އެވެ. ރުހުން ލިބިއްޖެ ނަމަ އަންނަ އަހަރުގެ ފެބްރުއަރީގައި އެ ހިދުމަތް ފެށޭނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

Ad
rt

ރަޝިއާގައި އިސްލާމިކް ބޭންކިންގެ ހިދުމަތް އަޖުމަބެލުމުގެ ގޮތުން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ އެގައުމުން ހިފާފައިވާ މުސްލިމް ކުދި ގައުމުތައް ކަމަށްވާ ޗެޗްނިއާ އާއި ޑަގެސްތާން، ބަޝްކޯޓޮސްޓަން އަދި ޓަރާސްޓަން ގައި އެވެ. މި ގައުމުތަކުގައި ރަޝިއާއިން ބޭނުންވާ ގޮތަށް ވެރިކަން ހިންގާއިރު ބޭނުން ކުރަނީ ރަޝިއާގެ ފައިސާ އެވެ.

ރަޝިއާއިން އިސްލާމިކް ބޭންކިން އާއި ދިމާއަށް މިސްރާބު ޖެހީ އެތައް މަސްތަކެއް ވަންދެން ދިރާސާ ކުރުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި މަސައްކަތުގެ އެޖެންޑާ އަކީ އިސްލާމީ އަދި އަރަބި ގައުމުތަކާއި އޮތް ގުޅުން ވަރުގަދަކޮށް ވިޔަފާރީގެ ގުޅުން އިތުރު ކުރުމެވެ.

އިސްލާމީ ޝަރީއާ ހުއްދަ ކުރާ އިންޓަނެޓް ބޭންކިން ހިދުމަތުގައި އިސްލާމް ދީން ހަރާމް ކުރާ އެއްވެސް ވިޔަފާރިއަކަށް އިންވެސްޓެއް ނުކުރާނެ އެވެ. އޭގެ ތެރޭގައި އޫރު މަހާއި ރަލާއި ބަނގުރާ، އަދި އެނޫންވެސް ދީނުގައި ހަރާމް އެއްވެސް ވިޔަފާރިއެއްގައި ބައިވެރިއެއް ނުވާނެ އެވެ.

މީގެ އިތުރުން އިސްލާމިކް ބޭންކު މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކޮށް އަދި އެކައުންޓުގައި ރައްކާ ކޮށްފައި ބަހައްޓާއިރު ރިބާ ނުހިމެނޭނެ އެވެ.

ތާރީހަށް ބަލާއިރު އިސްލާމީ ދައުލަތެއް ނެތް ގައުމެއްގައި ފުރަތަމަ އިސްލާމިކް ބޭންކިންގެ ހިދުމަތް ދޭން ފެށީ އިނގިރޭސިވިލާތުގައި 2004 ވަނަ އަހަރު އެވެ.

ރަޝިއާގައި މުސްލިމުންނަކީ އެ ގައުމުގެ އާބާދީގެ އެންމެ 10 ޕަސެންޓެވެ.

އެކަމަކު ރަޝިއާ އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ މުސްލިމުން ގިނަ ގައުމެވެ. އެއީ ޗެޗްނިއާ ފަދަ ރަޝިއާއިން ވެރިވެ ގަނެފައިވާ މުސްލިމް ގައުމުތަކުގެ އަބާދީ ރަޝިއާ މީހުންގެ ގޮތުގައި ހިމަނާތީ އެވެ.