ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ) އެންމެފަހުން ފެނުނީ ހުޅުމާލޭ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހޯދަމުންދާ އަޛްހާނާ ބެހޭގޮތުން މިހާތަނަށް ލިބުނު މައުލޫމާތު ހިއްސާކޮށް ފުލުހުން ރޭ ވަނީ ނޫސްބަޔާނެއް އާންމު ކުރައްވާފައެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އަޛުހާން ޚަބަރެއްނުވެ، ގެއްލުނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. އެކަން އޭނާގެ ޢާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރުއެވެ.
ފުލުހުންވިދާޅުވީ، އެ މައުލޫމާތު އެ އިދާރާއަށް ލިބުމާއެކު އަޛުހާނު ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ. އަދި އެ މައުލޫމާތު ފުލުހުންގެ ހުރިހާ ބަހާތަކާއި ހިއްސާކުރި ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން، އޭނާ އެންމެ ފަހުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބެލިބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް އިން ކާރެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު އެ ތަނުން ފަތިހު 4:53 ހާއިރު ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ފޭސް އެކެއްގައި ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައިވާ ކަމަށް ފެންނަން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަޛުހާން ފޭސް އެކަކުން ދެއަކަށް އަދި ދެއަކުން އެކަކަށް ދަތުރުކުރި ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާއިރު، އެންމެ ފަހުން އަޛުހާން ފެނިފައިވާ ސަރަހައްދު ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
"އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މިހާރު އެނގިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދެވެ. މީގެ އިތުރުން އަޒްހާން ވައިގެ މަގުން ރާއްޖޭގެ އެހެން އަތޮޅަކަށް އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ނުވާ ކަން ވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވެ އެވެ،" ފުލުހުން ވިދާޅުވިއެވެ.
އެހެންވެ، އެ އިދާރާއިން މިހާރު އަންނަނީ ރެޑްބުލް ދަނޑު ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބެލުމުގެ މަސައްކަތް ކުރަމުންނެވެ.
އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު، 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!