ހިޔާ ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
ޝާހިދު މިފަފައިން އެމްޕީއެލް ގެ 36 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ.
ހެންވޭރު ބޯޅަ ދަނޑުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެ ކުންފުނިން އިމާރާތް ކުރަމުން އަންނަ ފުލެޓްތަކަށް ފައިސާ ދެއްކުމަށް ގިނަ އޮޕްޝަންތަކެއް ދީފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ މެއިންޓެނަންސް ފީ ކުޑަކުރުމާއެކު ބުކިން ފީއަކީ ޑައުންޕޭމަންޓްގެ ބައެއްގެ ގޮތުގައި ހަދާފައިވާ ކަމަށާއި ކުންފުނީގެ މާލީ ގާބިލުކަމަށް ރިއާޔަތްކޮށް އަދި ކުރިއަށް އޮތްނުގައި ވެސް ދެވެން އޮތް ލުއިތަކެއް ދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެމްޕީއެލްގެ ހިޔާ މަޝްރޫއު ފެށިއިރު، އެއްފަހަރާ ފައިސާ ދައްކާ ގޮތަށް ނުވަތަ ބޭންކު މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށް އޮތް އޮތުން ބަދަލުކޮށް، 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ހަދާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ފްލެޓްތަކުގެ ޑައުންޕޭމަންޓާ ގުޅޭ ޝަކުވާތަކެއް މުވައްޒަފުންގެ ފަރާތުން ލިބިފައިވާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ޑައުންޕޭމަންޓް ދެއްކުމަށް ހަތަރު އޮޕްޝަނެއް ތައާރަފުކޮށް، އެ އުސޫލަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތްކޮށްފައިވަނީ ތިން ޓަވަރެވެ. އެ ޓަވަރުތަކުގައި 535 ޕްލެޓް ހުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!