ރާއްޖެ މިއޮތީ ސަލާމަތުގެ އައްސޭރިއަކަށް ފަސޭހައިން ނުގެންދެވޭ ފަދަ ހިސާބަކަށް ގޮސްފައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީގެ ފުރަތަމަ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން ނެވެ.
ރާއްޖެ މިއޮތީ ސަލާމަތުގެ އައްސޭރިއަކަށް ފަސޭހައިން ނުގެންދެވޭ ފަދަ ހިސާބަކަށް ގޮސްފައި ކަމަށް ވިދާޅުވެ ނާޒިމް ވިދާޅުވީ، އެހެން ދަންނަވަންޖެހުނީ ރާއްޖޭގެ ތިން ޖީލެއް މަސްތުވާތަކެތީގެ ވަބާގައިޖެހި އެއްކޮށް ‘’ޚަރާބު’’ ވެފައި ވާތީ ކަމަށެވެ.
‘’މަސައްކަތްތެރި އުމުރުފުރާގެ ބޮޑު ބައެއް ވަނީ މަސްތުވާތަކެތީގެ އަޅުންނަށް ވެފައި، ޒުވާނުންގެ ބޮޑުބައެއް ވަނީ އޭގައި ޣަރަގުވެގެން ގޮސްފައޭ ބުނުމަކީ އަޅުގަނޑަށް މިރޭ ކުރެވޭ ކުށަކަށް ނުވާނެ، ތުއްތު ކުދިން ވެސް ވަނީ އެފަދަ ހާލެއްގައި، މެދުމަދުރަސީ ކުދިން ވެސް އެއަށް ވަންނަމުންދާކަން އެއީ އަޅުގަނޑުމެންނަށް އެނގޭ ހަގީގަތެއް’’ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލްތަކުގެ އިންސެންޓިވް ކެއާ ޔުނިޓަށް އަށް ވެއްދޭ ކުދިންގެ ތެރެއިން 15 އިންސައްތަ ކުދިންނަކީ ވިހެއުމުގެ ކުރިން އެ ކުދިންގެ ޖިސްމުތަކަށް މަސްތުވާތަކެތީގެ އަސަރުކޮށް އޭގެ ވޭން ތަހައްމަލު ކުރަމުންދާ ކުދިން ކަމަށެވެ.
‘’މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ދުރުކޮށް، ގައުމު ބިނާކޮށް ކުރުމަށް ބޭނުންވާ އިޖްތިމާއީ އެހެނިހެން ކަންކަމުން ގައުމުސަލާމަތްކޮށްދޭނެ އަޒުމެއްގައި މަސައްކަތްކުރާނެ މީހުން ގައުމުގެ ލަގަނުގައި ހިފަންޖެހޭކަމަށް އަޅުގަނޑުމެންނަށް އެބަ ޤަބޫލު ކުރެވޭ’’ ނާޒިމް ވިދާޅުވިއެވެ.
އެސަބަބާހުރެ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީ ވާދަކުރަން އަޒުމް ކަނޑައަޅާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެޕާޓޯގެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!