ކުރިނބީ ސްކޫލްގެ ޤުރުއާން ޓީޗަރ މުހައްމަދު ރަފީޤް (ގާރީ ސަރ) އަށް، ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މިއަދު މާލެ ގެނެސްދީފައިވާކަމަށެވެ.

Ad
rt

އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް، މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އޭނާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވި އެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މުހައްމަދު ރަފީޤް، މާލެ ގެނެސްފައިވަނީ މިރޭ 20:40 ހާއިރުއެވެ.

މުހައްމަދު ރަފީޤް އަކީ 15 އަހަރަށް ވުރެ ގިނަ ދުވަހު ކުރިނބީގެ ދަރިވަރުންނާއި އެރަށުގެ ރައްޔިތުންނަށް ޤުރްއާން ކިޔަވައިދެމުން އަންނަ ފަރާތެކެވެ.

މުހައްމަދު ރަފީޤް އަކީ އިންޑިޔާއަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް ދިވެހިންނެކޭ ތަފާތެއް ނެތި ސާފު ދިވެހިބަހުން ވާހަކަދައްކާ، ލިޔަން ކިޔަން ދަންނަ ކަމަށް އޭނާއާއި އެކު ގިނަ ދުވަހު އެސުކޫލުގައި މަސައްކަތް ކުރަމުން އަންނަ މުޙައްމަދު ލަތީފް (ލައްޗޭ) މީސް މީޑިޔާގައި ހިއްސާކޮށްފައިވެއެވެ.

މުހައްމަދު ރަފީޤް އަކީ ކުރިނބީގެ ރައްޔިތުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެކެވެ. މުހައްމަދު ރަފީޤް އަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އައި.ޖީ.އެމް.އެޗް އެވެ.

މުހައްމަދު ރަފީޤް ރާއްޖެ އައިސް އެންމެ ފުރަތަމަ ޤުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ ހދ. ވައިކަރަދޫ ސުލައިމާނިއްޔާ ސުކޫލު ގަ އެވެ. ވައިކަރަދޫގައި ވެސް ގިނަ ދުވަސްތަކެއްވަންދެން، އެރަށުގެ ކުޑަކުދިން ނާއި ބޮޑެތި މީހުންނަށް ޤުރުއާން ކުލާސްތައް ނަގައިދިނުމުގައި ހަރަކާތްތެރިވެފައި ވެއެވެ.

އަޅުގަނޑުމެންގެ ދުޢާ އަކީ ރަފީޤް ސަރއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ދުޅުހެޔޮ ސިއްހަތެއްގައި ލެއްވުމެވެ. އާމީން!