މިހާރު އިންގްލެންޑްގައި ކުރިއަށްދާ ލެވާ ކަޕުގައި ކުޅުނު މެޗުން ބަލިވުމާއިއެކު، ދުނިޔެދުއް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމުގައިވާ ސްވިޒަލޭންށްގެ ރޮޖާ ފެޑެރާ ރަސްމީކޮށް ޓެނިސްކުޅުން ހުއްޓާލައިފިއެވެ.
ލެވާ ކަޕުގައި ޔޫރަޕް ތަމްސީލް ކުރުމުގެ ގޮތުން ފެޑެރާއާއި ނަޑާލްގެ ޕެއާ ރޭ ކުޅެފައި ވަނީ އެމެރިކާގެ ޕެއާއެއް ކަމަށްވާ ޖެކް ސޯކްއާއި ފްރެންސިސް ޓިއާފޯއާއެވެ.
އުމުރުން 41 އެއް އަހަރުގެ ފެޑެރާ ޓެނިހުން ރިޓަޔަރ ކުރަން އުޅޭކަން އޭނާ ވަނީ ފާއިތުވި ހަފްތާގައި ސޯސަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައެވެ.
ޓެނިސް ކުޅުން ހުއްޓާލާކަން އިޢުލާންކޮށް އޭރު ފެޑެރާ ބުނެފައި ވަނީ ފަހަކަށް އައިސް ދިމާވަމުންއައި އަނިޔާގެ މައްސަލަތަކުން އަރައިގަތުމަށް ބުރަކޮށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެކަމުން އެކަށީގެންވާ ގޮތެއްގައި އަރައިގަނެވިފައިނުވާ ކަމަށެވެ. އެކަމަށް ހަށިގަނޑު ތަބާނުވުމުން ކުޅުން ހުއްޓާލަންޖެހޭ ވަގުތު ޖެހިއްޖެކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ
ރޭގެ މެޗު ބަލަން 17500 މީހުންގެ ޖާގައިގެ ލަންޑަންގެ ޒީރޯޓޫ އެރީނާ ފުރެންދެން ސަޕޯޓަރުން ވަދެފައިވާއިރު، މެޗު ނިމުމާއިއެކު ސަޕޯޓަރުން ވަނީ ގިނައިރުތަކެއް ވަންދެން ކޮޅަށް ތެދުވެ އަތްޖަހައި ފެޑެރާގެ ނަން މުޅި ސްޓޭޑިއަމްގައި ގުގުމާލާފައެވެ. އެ އިވެންޓުގައި ފެޑެރާގެ ޓެނިސް ކެރިއާގެ ވާދަވެރިންގެ ގޮތުގައި ގިނަ މުބާރާތްތަކެއްގައި ފެނުނު އެންޑީ މަރީ، ނޮވަކް ޖޮކޮވިޗްގެ އިތުރުން މަޝްހޫރު ގިނަ ޓެނިސް ކުޅުންތެރިންތަކެއް ވަނީ ބައިވެރިވެފައެވެ.
މެޗު ނިމުމަށް ފަހު ސަޕޯޓަރުންގެ ފަރާތުން ފެނުނު ތަރުހީބުގެ ސަބަބުން ފެޑެރާގެ ލޮލުން ކަރުނަ ފޭއްދިގެން ދިޔައިރު، ކޯޓުގައި ހުރެ އެތަނަށް ހާޒިރުވެތިބި އެންމެނާ ފެޑެރާ ވާހަކަ ދައްކަމުން ދިޔައިރު އެންމެންގެ ލޮލުގައި އަޅައިގަތީ ފެޑެރާގެ ކެރިއާގައި އެންމެ ވާދަވެރި ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރެވުނު ސްޕެއިންގެ ރަފޭލް ނަޑާލްގެ ލޮލުން ކަރުނަ ފޭއްދިގެން ދިޔަ މަންޒަރެވެ.
މެޗަށް ފަހު ފެޑެރާ ކޯޓުގައި ހުރެ ވާހަކަ ދައްކަމުން ބުނެފައި ވަނީ ޓެނިހުގައި ކަޑަތު ކުރެވިފައި ވަނީ ކާމިޔާބު ދަތުރެއް ކަމަށާއި، މިއަދު މިއީ ހިތާމަވެރި ދުވަހެއް ނޫންކަމަށާއި މިއަދު މިއީ އުފާވެރު ދުވަހެއް ކަމަށެވެ.
ފެޑެރާ ވަނީ އޭނާގެ 25 އަހަރުބީ ޓެނިސް ކެރިއާގައި ޑަބަލްސްއާއި ސިންގަލްސް ހިމެނޭހެން ޖުމްލަ 1750 މެޗު ކުޅެފައެވެ.
ފެޑެރާ، ކެރިއަރު ފެށީ 1998 ވަނަ އަހަރު އުމުރުން 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފެޑެރާ ހޯދި އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށްޓަކީ 2003 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތެވެ.ދުނިޔޭގެ ރޭންކިންގެ އެއް ވަނައަށް ފެޑެރާ އެންމެ ފުރަތަމަ އެރީ 2004 ވަނަ އަހަރު އެވެ. އޭނާ ވަނީ ރޭންކިން އެއް ވަނައިގައި 310 ހަފްތާ ހޭދަކޮށްފަ އެވެ.
ގްރޭންޑް ސްލޭމް މުބާރާތްތައް އެންމެ ގިނައިން ކާމިޔާބުކުރި ތިން ކުޅުންތެރިންގެ ތެރޭގައި ފެޑެރާ ހިމެނެއެވެ. ފެޑެރާ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ނޮވަކް ޖޮކޮވިޗް ވަނީ 21 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައެވެ. އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް މިހާ ހިސާބަށް ކާމިޔާބު ކޮށްފައި ވަނީ، 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ރަފޭލް ނަޑާލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!