ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސީގައި ރޭ ހަންގޭރީއާއި ޖަރުމަނު ބައްދަލުކުރި މެޗު ހަންގޭރީން ކާމިޔާބު ކުރިއިރު، މި ގްރޫޕުގައި އިންގްލެންޑާއި އިޓަލީ ބައްދަލުކުރި މެޗު އިޓަލީން ކާމިޔާބު ކޮށްފިއެވެ.
ރޭ އިޓަލީން އަމިއްލަ ޤައުމުގައި އިންގްލެންޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި އިޓަލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ކާމިޔާބު ކޮށްދީފައި ވަނީ ޖިއަކޯމޯ ރަސްޕަޑޯރީއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 68 ވަނަ މިނިޓްގައި، އެ ޓީމްގެ ކެޕްޓަން ލެއޮނާޑޯ ބޮނޫޗީ ފަހަތުން ދިން ބޯޅައަކުންނެވެ.
މި ގްރޫޕުގައި ޖަރުމަނާއި ހަންގޭރީ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ހަންގޭރީއެވެ. ޖަރުމަނުގައި ކުޅުނު މި މެޗުގައި ހަންގޭރީން ލަނޑު ޖަހާފައި ވަނީ 17 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދީފައި ވަނީ އެ ޓީމުގެ ކެޕްޓަން، އެޑަމް ސަލާއީއެވެ.
މިއީ ޖަރުމަނު ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު 13 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި ނަތީޖާތަކާއިއެކު މި ގްރޫޕްގެ އެއްވަނާގައި އޮތީ ހަންގޭރީއެވެ. ހަންގޭރީއަށް ކުޅުނު 5 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ކުޅުނު 5 މެޗުން ލިބުނު 8 ޕޮއިންޓާއިއެކު ދެވަނާގައި އޮތީ އިޓަލީއެވެ. ތިންވަނާގައި ޖަރުމަނު އޮތީ 6 ޕޮއިންޓާއި އެކުގައެވެ. ކުޅުނު 5 މެޗުން ލިބުނު ދެ ޕޮއިންޓާއިއެކު ފުލުގައި އޮތީ އިންގްލެންޑެވެ.
އިންގްލެންޑް ރެލިގޭޓްވުމުން، އެ ޓީމު ދެން އަންނަ ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނުން ފަށަން ޖެހޭއިރު، 2024 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ގުރުއަތުލުން ބާއްވާއިރު، ދެ ވަނަ ޕޮޓަށް ވެއްޓޭނެއެވެ.
މި ގްރޫޕުން ސެމީފައިނަލަށް ދަތުރުކުރާ ޓީމް ކަނޑައެޅިގެންދާނީ އަންނަ ހޯމަ ދުވަހުގެ ރޭ ކުޅޭ ގްރޫޕްގެ ފަހު މެޗުތަކަށް ފަހުއެވެ. ފަހު މެޗުގައި ހަންގޭރީއާއި އިޓަލީ ބައްދަލުކުރާއިރު، މެޗު އެއްވަރު ކޮށްލައިގެން ހަންގޭރީއަށް ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް ސެމީގެ ޖާގައެއް ބޭނުންނަމަ އިޓަލީއަށް ހަންގޭރީ ބަލިކުރުން މަޖުބޫރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!