ރާއްޖޭގައި އިޖްތިމާއީ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު އެކަންކަން އެއްވެސް ސަރުކާރަކަށް ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވީ އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ.
އެމްއެންޕީ ގެ ރައީސް ނާޒިމް ވިދާޅުވީ ގައުމުގެ ހާލަތު ބަދަލުކުރަން ޖެހިފައިވާ ކަމަށާއި އެ ޕާޓީއަށް ރާއްޖޭގެ ހާލަތު ފެންނަ ކަމަށެވެ. އަދި ރައްޔިތުންގެ އަޑުއިވޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެ ހާލަތު ބަދަލު ކުރެވޭނީ އެމްއެންޕީއަށް ކަމަށާއި ކުރިމަތިވަމުންދާ އިޖްތިމާއީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ ކުށްތައް އިތުރުވާ މައްސަލަ ކަމަށެވެ.
ގޭންގު ތަކުން ރޯމާ ދުވާލު ފުލުހުންނަށް އިންޒާރުދޭ މަންޒަރު މިއަދު ފެންނަމުންދާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މިހާރު މި ފެންނަނީ ވަރަށް ބިރުވެރި ދުވަސްތަކެއް ކަމަށެވެ.
މި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ސަރުކާރުތަކުން ރައްޔިތުންނަށް ދެމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.
ނާޒިމް ވިދާޅުވީ މިހައިތަނަށް އައި ސަރުކާރުތަކުން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި އަމަލު ކޮށްފައިވަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ނިސްބަތް ކުރައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަނީ ވަކި ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރަން ކަމަށާއި އެހެންނަމަވެސް އެމްއެންޕީ އަކީ އެ ސަގާފަތް ބަދަލުކުރާނެ ޕާޓީ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީ އަކީ ނާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީއެެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!