ސަޢޫދީ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ ދީލަތި އެހީތެރިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާ ކުރައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 92 ވަނަ ޤައުމީ ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނު އެކުލަވާލެއްވި "ވިޝަން 2030" މަގުޗާޓަށް ތަޢުރީފުކުރައްވައި މިއީ ދުރުވިސްނޭ ޤާބިލު ލީޑަރެއްގެ ވިސްނުންފުޅާއި އަދި މަސައްކަތްތެރި ހީވާގި ރައްޔިތުންގެ މަސައްކަތާއެކު އެ ޤައުމަށް ހާސިލުކުރެވޭ ކަންތައްތައްކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން "ވިޝަން 2030" އިޢުލާނުކުރުމަށްފަހު ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި، އެ ޤައުމުގެ ރައްޔިތުންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުމަށާއި ޤައުމުގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް މަސައްކަތްކޮށް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކެއް އެޤައުމުން ހާސިލުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުމަކީ ޒަމާންވީ ގާތް ގުޅުމެއްކަން ފާހަގަކުރައްވައި ދެ ޤައުމުގެ މި ގުޅުން ބިނާވެފައި ވަނީ، އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި ދެމުންގެންދާ އެއްބާރުލުމާ އަދި ދެ ޤައުމުން ޙިއްޞާކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ.

އެގޮތުން މުސްލިމު ދެ ޤައުމެއްގެ ހައިސިއްޔަތުން، ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖެއަކީ އިސްލާމީ ޘަޤާފަތާއި، އަދި ތާރީޚީ ގޮތުން ވަރަށްބޮޑަށް ގުޅިލާމެހިފައިވާ ދެ ޤައުމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީ ސަރުކާރުން އެމަނިފާނަށް އަދާކުރެއްވި މެހުމާންދާރީއާ އަދި ބެހެއްޓެވި ގާތްކަމާއި އަދި ދިވެހި ޙައްޖާޖީންނަށް ދިން އަހައްމިއްޔަތުކަމަކީ ދެ ޤައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަޢޫދީ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ ދީލަތި އެހީތެރިކަމާއި ފަހިކޮށްދެއްވާފައިވާ ފުރުޞަތުތައް ދިވެހި ސަރުކާރާއި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމުގައި ވިދާޅުވި އެވެ. އަދި ސަޢޫދީ ފަންޑަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މުހިންމު ބައިވެރިއެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމުގައި ސަޢޫދީ ޢަރަބިއްޔާއިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މެދުގައި ބާއްވަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލި އަޅުވާލެއްވި އެވެ.

މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާޞަބާގެ ހެޔޮއެދުންތައް ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދާއި ސަޢޫދީ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ވަނީ ފޮނުއްވާފަ އެވެ.