މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭ “ފެނަކަ އައިސް” އޮންލައިން ހިދުމަތް މިއަދު ތައާރަފު ކޮށްފިއެވެ.
މިއީ ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއަށް، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާގުޅިގެން، ޒަމާނީ ޓެކްނޯލޮގީގެ އެހީގައި މަސްވެރިންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ މަސައްކަތުގެ ދަށުން ފެނަކައިން ތައާރަފު ކުރި ހިދުމަތެކެވެ.
މި ޚިދުމަތް މެދުވެރިކޮށް މަސްވެރިންނަށް ފަސޭހަކަމާއެކު ފޯން ނަންބަރު ބޭނުންކޮށްގެން ލޮގްއިން ކުރެވޭނެއެވެ. އަދި ލޮގިން ކުރުމަށްފަހު އައިސް ބޭނުންވާ އަދަދު ޖައހައި ޖުމްލަ އަގު ބަލާލެވޭނެއެވެ.
މީގެ އިތުރުން މަސްދަތުރަށް ތައްޔާރުވުމުގެގޮތުން ދުރާލާ، ބޭނުންވާ އަސިސް ޕްލާންޓަކުން އައިސް ޕްރީއޯޑަރު ވެސް ކުރެވޭނެ. މިގޮތަށް ޕްރީއޯޑާ ކުރުމުން އައިސް ލިބޭނެ ގަޑި ވެސް މަސްވެރިންނަށް އެނގޭނެއެވެ.
އައިސް ޕްރީއޯޑާ ކުރުމުން، އޯޑާ ކުރި އަދަދާއި ޖުމްލަ އަގާއެކު ކޮންފަމޭޝަން މެސެޖެއް ލިބޭނެއެވެ. އަދި ކުރީގެ އޯޑަރތަކުގެ ތަފްސީލް ވެސް ބަލާލެވޭނެއެވެ.
މިވަގުތު އައިސް ޕްލާންޓްތައް ހުރީ ޖުމްލަ 14 ރަށެއްގައެވެ. އެއީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ފ.ފީއަލި، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކޮލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ އަދި ސ.ހިތަދޫ އެވެ.
މި ޚިދުމަތާއެކު، އައިސް ހޯދުމަށް މަސްވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި، މިހާރަށްވުރެ އިތުބާރާއި ޔަގީންކަމާއެކު އައިސް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ. އަދި ޔަޤީންކަމެއްނެތި އައިސް ހޯދަން ކިޔޫގައި މަޑުކުރަންޖެހޭ ޖެހުމަށް ނިމުން ގެނެވި މަސްވެރިންނަށް އެކަމުން ބޮޑު ޚަރަދެއް ސަލާމަތް ކުރެވިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!