4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ހަވާލު ކޮށްފައިވަނީ ށ. ފީވަށް، ށ. ނަރުދޫ، ށ. ޅައިމަގު، އަދި އއ. މަތިވެރީގެ ސިއްޙީ މަރުކަޒުތަކުގެ މަސައްކަތެވެ.
ނަރުދުއާއި ޅައިމަގުގެ މަސައްކަތް ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕާ ހަވާލުކޮށްފައިވާއިރު ފީވަކުގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ޕާސްޓްލައިން ޕްރައިވެޓް ލިިމިޓެޑާއެވެ. އަދި މަތިވެރީގެ ސިއްޚީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ސިއްޙީ މަރުކަޒުތަކުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތުގެ ދަށުން އިމާރާތް ހެދުމާއި، އިމާރާތުގެ ފެންޑާ ހެދުމުގެ މަސައްކަތް ކުރާނެއެވެ. މި ހުރިހާ މަސައްކަތެއްވެސް ހަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ނަރުދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 4.2 މިލިއަން ރުފިޔާއަށެވެ. އަދި ޅައިމަގުގެ ސިއްހީ މަރުކަޒުގެ މަސައްކަތް 4.3 މިލިއަން ރުފިޔާއަށް ހަވާލު ކުރިއިރު ފީވަކުގެ ސިއްޙީމަރުކަޒުގެ މަސައްކަތް 3.6 މިލިއަން ރުފިޔާއަށް އަދި މަތިވެރި ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ.
ސަރުކާރުން އަންނަނީ އަތޮޅުތަކުގައިހުރި ސިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ރަށްރަށުގެ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން ޢިމާރާތް ހެދުމާއި އާބާދީ ބޮޑެތި ރަށްރަށުގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!