ސްޓެލްކޯއިން, އަރިއަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެއްޖެއެވެ.

މި މަސައްކަތާ ހަވާލުވުމަށް މިއަދު ސްޓެލްކޯގައި ވަނީ 14 ރަށުގެ ކައުންސިލްތަކާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި ރަށްތަކުގެ އިންޖީނުގެތަކުގެ މެނޭޖަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އާއި އއ އަދި އދ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ރަށްރަށުގެ ކައުންސިލްގެ ރައީސުންގެ އިތުރުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ބައިވެރިވެލެއްވިއެވެ.

Ad
rt

މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ސްޓެލްކޯއިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އއ އަތޮޅުގެ 5 ރަށާއި އދ އަތޮޅުގެ 9 ރަށެއްގެ ކައުންސިލްތަކާއެވެ. އެއީ

1. އއ. މަތިވެރި
2. އއ. ބޮޑުފޮޅުދޫ
3. އއ. ފެރިދޫ
4. އއ. މާޅޮސް
5. އއ. ހިމަންދޫ
6. އދ. ހަންޏާމީދޫ
7. އދ. އޮމަދޫ
8. އދ. ކުނބުރުދޫ
9. އދ. މަހިބަދޫ
10. އދ. މަންދޫ
11. އދ. ދަނގެތި
12. އދ. ދިގުރަށް
13. އދ. ދިއްދޫ
14. އދ. ފެންފުށި

މިއީ ސްޓެލްކޯއިން އެ އަތޮޅުގައި ޚިދުމަތްދެމުން އަންނަ ރަށްތަކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، ބޭނުންވަނީ ސްޓެލްކޯއަކީ ރައްޔިތުންނަށް ޚިދުމަތްދޭ ނަމޫނާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް އެކުންފުނީގެ ފުދުންތެރިކަން ހުންނަވަރަކުން އިޖުތިމާއީ ކަންކަމުގައި ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއިން ރާއްޖޭގެ 31 ރަށުގައި ޚިދުމަތް ދެމުން އަންނައިރު އެ ހުރިހާ ރަށްރަށުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާވެސް ކުރިއަށްއޮތްތަނުގައި ހަވާލުވާނެކަމަށް ޝަރީފު ވިދާޅުވިއެވެ. އެގޮތުން، ވ އަތޮޅާއި ކ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއެކު އަންނަ އޮކްޓޯބަރު މަހު އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ސްޓެލްކޯއިން ވަނީ މީގެ ކުރިން ވެސް އއ އަތޮޅުގެ ތިން ރަށެއްގެ ކައުންސިލްތަކާއެކު މިފަދަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެއީ ތޮއްޑޫއާއި ރަސްދޫއާއި އުކުޅަހެވެ.

ސްޓެލްކޯއިން އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވަމުން ދަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.