މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ދޭ "ގްރާންޓް" އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މިއީ މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ވަކި ދާއިރާތަކުން ޚަބަރާއި މައުލޫމާތާއި، ރިޕޯރޓްތައް ގެނައުން އިތުރުކުރުމަށްޓަކައި، ނޫސްވެރިންނަށް އެމްއެމްސީން ދޭ "ގްރާންޓް" ސްކީމެކެވެ.

Ad
rt

މިފަހަރު ނޫސްވެރިންނަށް ގްރާންޓް ދިނުމަށް ކަނޑައަޅާފައިވާ މައިގަނޑު ދާއިރާތަކަކީ މޫސުމާއި ތިމާވެށި، މިންތީގެ ހަމަހަމަކަން، ހެޔޮ ވެރިކަން އަދި ފައިނޭޝިއަލް ރިޕޯޓިންގ އާއި އިންވެސްޓިގޭޓިވް ޖާނަލިޒަމް އެވެ.

ޖުމްލަ 3 ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންމެ ގްރާންޓްއަކަށް -/4,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

މި ގްރާންޓަށް ހުށަހެޅޭ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ މީޑިއާއެއްގައި ޚިދުމަތްކުރާތާ (އެކެއް) އަހަރުވެފައިވާ ދާއިމީ ނޫސްވެރިއެއް ކަމުގައިވުމާއި އެ މީޑިއާއަކުން ނުވަތަ އެމީޑިއާއެއްގެ ރަޖިސްޓަރޑް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ ގަވައިދުން ދައްކަމުންދާ މީޑިއާއަކަށްވުން ހިމެނެ އެވެ. އަދި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުތަކައި ޤަވާއިދުތަކުގެ ދަށުން އެ މީޑިއާއެއްގެ މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރިކޮށް ގަވައިދުން ފައިސާދައްކަމުންގެންދާ މީޑިއާއަކަށްވުން ވެސް ހިމެނެ އެވެ.

ގްރާންޓު ހޯދުމަށް އެދި ހުށަހަޅާނީ "ގްރާންޓް އެޕްލިކޭޝަން ފޯމް"، މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ "ގްރާންޓް" ސްކީމާގުޅޭ އުސޫލުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ފޯމުން ކަމަށާއި ގްރާންޓު ހޯދުމަށް ހުށަހަޅާ ފޯމާއެކު، 100 ބަހަށް ވުރެ ދިގު ނޫން ހިމެނޭ ސްޓޯރީ އައިޑިއާއެއް ހުށަހަޅަން ވާނެ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ސްޓޯރީ ގެ ސުރުޚީ ގައި ޕްރޮޕޯޒަލް އިންފޮމޭޝަން ސޯސް، ސްޓޯރީގެ އޭންގަލް އަދި ސްޓޯރީ ޔުނީކް ކޮށްދެނީ ކޮންކަމެއްކަން ހިމަނަން ވާނެ ކަމަށާއި ފޯމާއެކު ހުށަހެޅުމަށް އިރުޝާދުދީފައިވާ އެހެނިހެން އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެ ކަމަށް ވެސް ބުންޏެވެ.

ގްރާންޓަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (02 އޮކްޓޯބަރު 2022) ގެ (13:00) ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލް (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށެވެ. ގްރާންޓަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@mmc.org.mc މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އީމެއިލް މެދުވެރިކޮށް ފޮނުވާ ގްރާންޓް އެޕްލިކޭޝަން ފޯމުތައް ކައުންސިލަށް ލިބުނުތޯ ޔަޤީން ކުރުމަކީ ގްރާންޓަށް ހުށައަޅާ ފަރާތުގެ ޒިންމާއެއް ކަމަށް އެމްއެމްސީން ބުނެއެވެ.