މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ނައިބު ރައީސް ފައިޞަލް ނަސީމް އާ މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާ ކުރައްވާފައި ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

Ad
rt

ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ވަނީ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުން ވަނީ އެ އިންސްޓިޓިއުޓްގެ ވޮކޭޝަނަލް ޕްރޮގްރާމުގައި މިހާރު 450 ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި 150 ދަރިވަރުން މިހާރު ދަސްވެނިވުމަށް ތައްޔާރުވަމުންދާކަން އެބޭފުޅުން ފާހަގަކުރެއްވެވި އެވެ.

މީގެ އިތުރުން ސުކޫލްތަކުގެ ޚާއްޞަ އެހީއަށްބޭނުންނާ ކުދިންނަށް ވެސް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ފަރާތުން ވޮކޭޝަނަލް ޕްރޮގްރާމް ހިންގަމުންދާކަމުގައި ފާހަގަކޮށް އެ ބޭފުޅުން ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ޓެކްނޮލޮޖީގޮތުން ތަމްރީން ލިބިފައިވާ މީހުން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ މިކަމުގައި އެކަޑެމިކްކޮށް ދަރިވަރުން އުނގެނުން މުހިންމުވާފަދައިން ހުނަރާއި ތަމްރީނު ދަސްކޮށްދިނުމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން ދޭ ޚިދުމަތުގެ މުހިންމުކަން ފާހަގަކުރައްވައި އެމަސައްކަތް އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.