ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ވޯޑު އިމާރާތާއި އައިސީޔޫގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ ހޮސްޕިޓަލުގެ ވޯޑް އިމާރާތުގައި މެޑިކަލް ގޭސް ލިބޭގޮތަށް 30 އެނދު ހުންނާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ހޮސްޕިޓަލްގެ 2 ވަނަ ފަންގިފިލާގައި 6 އައިސީޔޫ ކޮޓަރި ތަރައްގީ ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އޯޕީޑީ އިމާރާތުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން އޯޕީޑީ އިމާރާތުގެ 64 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަސައްކަތުގެ ދަށުން ޕޮއިންޓް ވަޔަރިން އާއި ފިޓިންގްސް، މޭސަނަރީ އާއި ޕްލާސްޓަރިން މަސައްކަތްތައް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތަކާއި، ވޯރޑް އިމާރާތަކާއި، އައި.ސީ.ޔޫ ޔުނިޓަކާއި ލެބޯރެޓަރީ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައި.

މިއީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.