ޒަޚަމްތަކެއް ލިބުނު މަސްވެރިއަކަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑިއެފް) އިން އެހީތެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޅ. އަތޮޅު އެތެރެވަރިން ޅ. ކުރެންދޫގެ އިރުން 5 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނުކުމެ އުޅުނު "އަރާކުރި" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި މީހަކަށް ކަމަށެވެ. އަދި އެއީ 40 އަހަރުގެ މަސްވެރިއެއް ކަމަށެވެ.

Ad
rt

އެ އިދާރާ އިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު 13:30 ހާއިރު ކަމަށެވެ. އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ޒަޚަމްތައް ލިބިފައިއޮތް މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑު "ހާބަރ ކްރާފްޓް 115" އުޅަނދަށް އެ މީހާ ނެގުމަށްފަހު، މިއަދު 14:18 ހާއިރު ޅ. ނައިފަރަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.