އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ މިނެޓުގައި ސިޓީން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ މިނެޓުގެ ތެރޭގައި ސިޓީގެ ޕްލޭމޭކަރ ކެވިން ޑިބްރޭނާ ވުލްވްސްގެ އޭރިއާތެރެއަށް ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޖެކް ގްރީލިޝްއެވެ.

Ad
rt

މެޗުގެ ދެވަނަ ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދީފައި ވަނީ 16 ވަނަ މިނެޓުގައި ހާލަންޑެވެ. ހާލަންޑް މި ލަނޑު ޖަހާފައި ވަނީ ބާނާޑޯ ސިލްވާ ދިން ބޯޅައެއް ހިފައިގެން ގޮސް ވުލްވްސްގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ ކައިރި ކަނަށް ފޮނުވާލައިގެންނެވެ. ހާލަންޑް ވަނީ ސިޓީއަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ލަނޑު ޖަހާފައެވެ. މި ސީޒަންގައި ސިޓީއަށް 9 މެޗު ހާލަންޑް ކުޅެދީފައިވާއިރު އެ ނުވަ މެޗުގައި އޭނާ ވަނީ ޖުމްލަ 14 ލަނޑު ޖަހާފައެވެ.

މެޗުގައި ވުލްވްސްއަށް އިތުރު މައްސަލަތައް ކުރިމަތިވީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ ނަތަން ކޮލިންސްއަށް ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. ކޮލިންސްއަށް ރަތްކާޑު ދައްކާފައި ވަނީ ސިޓީގެ ފޯވާޑް ޖެކް ގްރީލިޝްގެ ފަލަމަސްގަނޑަށް ބޫޓުގެ ދައްފުށުން ދިން ހަމަލާއަކާއި ގުޅިގެންނެވެ.

ސިޓީގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 69 ވަނަ މިނިޓްގައި ފިލް ފޯޑެން އެވެ. މިއީ ޑިބްރޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި، ފޯޑެން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ލަނޑެކެވެ.

މި ނަތީޖާއާއިއެކު ސިޓީއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި މިވަގުތު އާސެނަލް އޮތީ ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއި އެކުގައެވެ. އާސެނަލް މާދަމާ ހަވީރު ބްރެންޓްފޯޑާއި ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ. މެޗުން ބަލިވި ވުލްވްސް މިވަގުތު އޮތީ ކުޅުނު ހަތް މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު ތާވަލުގެ 16 ވަނާގައެވެ.