ރައީސް އިބްރާހީމް މުޙަމައްދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވަ އެވެ.

Ad
rt

ރައީސްގެ ދެ ކަނބަލުން އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވައި، ރާނީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވާނެއެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެމްބަރ 8 ވީ ބުރާސްފަތި ދުވަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމުގެ ހިތާމައިގައި، 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެންބަރު 22 ވަނަ ދުވަހުކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.