ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ މާލި ޢިނާޔަތް އިތުރަށް ބޮޑުކުރުމާއި ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވާތީ، ބްލައިންޑް އެންޑް ވިސުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޖަމިއްޔާއިން މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިހާރު ނުކުޅެދޭ ފަރާތްތަކަށް ގާނޫނުގެ ދަށުން ދެމުން އަންނަ 2،000 ރުފިޔާގެ އެލެވެންސަކީ ހިދުމަތްތަކާއި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު އެކަށީގެންވާ މިންވަރެއް ކަމުގައި އެ ޖަމްއިއްޔާއިން ނުދެކޭ ކަމަށެވެ.
މި އެލަވެންސަށް ހެޔޮބަދަލެއް ގެނެވޭތޯ އެ ޖަމްއިއްޔާއިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަމަށާއި، މި ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާ ތަކުން އާދޭހާއި އެކު އެދެމުންދާ ކަމެއް ކަމަށްވެސް ބީވީއައިއެސްއެމް ގެ އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މި އެލަވަންސަށް ހެޔޮބަދަލެއް ގެނެސްދެއްވާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދެއްވާފައިވާ މި ދަނޑިވަޅުގައި، މި އެލަވެންސް ބޮޑުކުރުމަކީ މުހިންމުކަމެއް ނޫންކަމަށް ދޭހަވާފަދަ ގޮތަކަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅުންހުރި ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަ ތަކާއި މެދު އެ ޖަމްއިއްޔާއިން ނުހަނު ކަންބޮޑުވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އެޖަމިއްޔާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ވަނީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލެވެންސް ބޮޑު ކޮށްގެން ދިގު މުއްދަތަކަށް އެކަން ދެމެހެއްޓޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ސަރުކާރުން ދެމުން އަންނަ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އެދި އޮންލައިން ޕެޓިޝަނެއްވެސް މިދިޔަ އަހަރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިޕެޓިޝަންގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އިނާއަތް ފޯރުކޮށްދިނުމަށް ހެދިފައިވާ ގާނޫނު ނަމްބަރު 8/2010 ގެ 26 ވަނަ މާއްދާއިން ލިބިދޭ -/2000 ރުފިޔާގެ ފައިސާގެ އިނާޔަތަކީ، މިހާރު ދިވެހިރާއްޖޭގެ ޚިދުމަތާއި ތަކެތީގެ އަގު ހުރިގޮތައް ބަލާއިރު އެކަށީގެންވާ މިންވަރެއް ކަމުގައި ނުދެކޭކަމަށެވެ.
އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރުވެސް، ކެއިން ބުއިމާއި އުނުއޮރިޔާން ނިވާ ކުރުން ފަދަ ޒަރޫރީ ބޭނުންތައްވެސް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދޭކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަކީ ޒަވާޖީ ޙަޔާތެއްފެށި، ދިރިއުޅުމުގެ އެތަކެއް ޚަރަދުތަކާއި އާއިލީ އެތަކެއް ޒިންމާތަކެއް އުފުލަން ޖެހިފައިވާ ފަރާތްތަކެއްކަމަށއ ބުނެފައިވެއެވެ.
ލ. ގަމުގައި ކުރިއަށްދިޔަ "ވިއަވަތި" ކޮންފަރެންސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް، ވިދާޅުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެކަމަށެވެ.
ރައީސް އެގޮތަށް ވިދާޅުވިއިރު، މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އިނާޔަތް މި އަހަރު ފަހުކޮޅު ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާންކުރައްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!