ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ވަކީލް ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަލަމްގިރިއާ އެކު އެއް ޖިންސުން ނާޒިމް ގުޅުން ހިންގާ ވީޑިއޯއެއް ކުރިން އާންމުވެފައި ވަނިކޮށް އޭނާގެ މައްޗަށް ކުރި ދައުވާއަށް އޭނާ ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ.
ނާޒިމް ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ހުކުމްކުރީ އޭނާ ކުށަށް އިއުތިރާފްވެފައިވާތީ އަދަބުގެ ދަރަޖަ ދަށްކުރުމަށްފަހު އަދި އަދަބުގެ ބާވަތް ބަދަލުކޮށްގެންނެވެ. ކުށުގެ އަދަބެއްގެ ގޮތުން ދެ މަހާއި 12 ދުވަހަށް ޖަލަށްލިޔަސް، އޭނާ ބަންދުގައި ކުރިން 15 ދުވަހު ހުރެފައިވާތީ އެ މުއްދަތު އުނިކުރި އެވެ.
ޖަލު އަދަބު ގޭ ބަންދުގެ އަދަބަކަށް ބަދަލުކުރަން ނާޒިމްގެ ފަރާތުން އެދިފައިވާތީ ކޯޓުން ނިންމީ ހުކުމުގައި ބާކީ އޮތް އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމް ގޭ ބަންދަށް ބަދަލުކޮށް، ތިން މަހާއި 26 ދުވަހު ގޭ ބަންދުކުރުމަށެވެ.
ނާޒިމްގެ މައްޗަށް ދައުވާކުރީ ލުއި އަދަބެއް އަންނަ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ނާޒިމްގެ މައްޗަށް ދައުވާ ކުރިނަމަ، ނާޒިމްގެ މައްޗަށް މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ނާޒިމްގެ އިތުރުން އަލަމްގިރިގެ މައްޗަށް ކޯޓުން ކުރިން އޮތީ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!