ސިފައިންގެ ވަޒީފާއަށް އެދި ހުށައެޅުމުގެ މުއްދަތު މިނިސްޓްރީ އޮފް ޑިފެންސް އިން އިތުރުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިމުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ ނިޔަލަށް ކަމަށެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓު www.defence.gov.mv އަދި އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާނީ admin@defence.gov.mv އަށެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއްކަމުގައި ވުމާއި، ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ.
އޭގެއިތުރުން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅުގައި ފިރިހެނެއްނަމަ 5 ފޫޓް 5 އިންޗި، އަންހެންނަމަ 5 ފޫޓް 3 އިންޗި ހުރި މީހެއް ކަމުގައި ވުމާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ. އަދި، އުމުރުފުރާ ބަލާނީ 2022 ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމުގައި ބަޔާންކުރެވިފައި ހުންނާނެއެވެ.
ސިފައިންގެ ވަޒީފާއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު، ފޯނު ނަމްބަރު 3322607، އެކްސްޓެންޝަން: 2141 އިން އަދި އެމްއެންޑީއެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!