ރައްޔިތުންގެ މަޖިލިސްގެ ހުސްވެފައިވާ ސާޖެންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސްގެ ސާޖެންޓް އެޓް އާމްސްގެ މަޤާމް ހުސްވީ، އެ މަޤާމްގައި ކުރިން ހުންނެވި މުހައްމަދު ހަލީމް، 24 އޯގަސްޓް 2022 ގައި މަޤާމުން ވަކިކުރުމުންނެވެ. އޭނާ އެ މަޤާމަށް ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ މަޤާމުން ވަކިކުރީ ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހުއެވެ.

Ad
rt

މަޖިލިސް އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް އާމްސްއަކީ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެވަނައަށް އެންމެ އިސްވެރިޔާ އެވެ.

ސާޖެންޓް އެޓް އާމްސް އަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުޠުތައް

  • ދިވެހި ރައްޔިތަކަށްވުން
  • ބޭރު ޤައުމެއްގެ ރައްޔިތަކަށްނުވުން
  • މުސްލިމެއްކަމުގައިވުމާއި، ސުންނަން ޖަމާއަތުގެ މީހަކަށްވުން،
  • ޢުމުރުން 25 އަހަރު ފުރިފައިވާ މީހަކަށްވުން
  • ބުއްދި ހަމައަށްހުރި މީހަކަށްވުން
  • އެންމެ ދަށްވެގެން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަޤާމަށް ޝަރުތުފުރިހަމަވުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، މަޤާމަށް ކުރިލައި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، އައިޑީކާޑުގެ ކޮޕީ އަދި ވަނަވަރު މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުގެ 12:00ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް އިއްޔެއިން ފެށިގެން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ސާޖެންޓް އެޓް އާމްސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޖިލިސްގެ ޖަލްސާތަށް ހިނގަމުންދާ ވަގުތުގައި މަޖިލީހުގެ ރައީސް އަންގާ ގޮތެއްގެ މަތީން، މަޖިލީހުގެ ޤަވާޢިދު ހިފެހެއްޓުމުގެ ޒިންމާ އުފުލުމާއި، މަޖިލިސްގެ ރައީސާއި، މަޖިލިސްއިން ކުރާ ޢަމުރުތައް ތަންފީޒު ކުރުމާއި، މަޖިލީހުގެ އިމްތިޔާޒާގުޅޭ އުސޫލްތައް ތަންފީޒު ކުރުމުގައި ދިމާވާ ކަންކަން ފާހަގަކޮށް، މަޖިލީހުގެ ޢާންމު ކޮމެޓީގެ ސަމާލުކަމަށް އެކަންކަން ގެނައުމާއި، އޭނާގެ ދަށުން ތިބޭ މުވައްޒަފުންގެ ކަންކަމާ އެ ކޮމެޓީއަށް ޖަވާބުދާރީ ވުމާއި އަދި މަޖިލީހުގެ ގެލެރީއަށް މީހުން ވަންނަނީ ޤަވާޢިދާ އެއްގޮތަށްތޯ ބެލުމާއި، ގެލެރީން ނެރެންޖެހޭ މީހުން ނެރުމުގެ ޒިންމާ އުފުލުން ހިމެނެއެވެ.

މީގެ އިތުރުން މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކުފިޔަވައި، އެނޫން މީހަކު ޖަލްސާ ހިނގަމުންދާ ވަގުތު މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓުމާއި، އަދި މަޖިލިސްގެއަށް އަންނަ މެހުމާނުންނާއި، މަޖިލިސްގެ ކޮމެޓީތައް ހިނގަމުންދާ ވަގުތު އަންނަ މެހުމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާއި ޚިލާފް އެއްވެސް ކަމެއް ހިންގައިފިނަމަ، އެކަމެއް ޢާންމު ކޮމެޓީގެ ސަމާލުކަމަށް ގެނައުން ހިމެނެއެވެ.