މިންތީ ހަމަހަމަކަމުގައިވެސް ދިވެހި ޢަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ދިވެހި ސިފައިންގެ ތެރެއަށް ފުރަތަމަ ފަހަރަށް އަންހެނުން ވެއްދީ 1989 ވަނަ އަހަރު ކަން ވަނީ ފާހަގަ ކުރަށްވާފައެވެ. އޭރު އަންހެން ސިފައިންނަށް އޮތް ޒިންމާއަކީ އިދާރީ މަސައްކަތްތައް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، މިއަދުގެ އަންހެން ސިފައިންނަކީ، އެންމެފަހުގެ ޢަސްކަރީ ތަމްރީނުތައް ހޯދައިގެން، ޤައުމުގެ ދިފާޢުގައި އެންމެ ކުރީ ސަފަށް ނުކުންނަން ތައްޔާރަށް ތިބި ބައެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

''މިންތީ ހަމަހަމަކަމުގައި ވެސް ދިވެހި ޢަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، އެމީހެއްގެ ކެރުމާއި ޤާބިލުކަން ހުރި މިންވަރަކުން ޢަސްކަރިއްޔާގެ ކޮންމެ މީހަކަށްވެސް މިހާރު ކުރިއަށް ދެވޭނެ ކަމަށެވެ. އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް ފުރުޞަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

''ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ފުރަތަމަ ފަހަރަށް، މިދިޔަ އަހަރު ވަނީ އަންހެން ސިފައިން ހަމަޖައްސާފައި. އެ ރޭންކުގައި ތިއްބެވި ދެ އަންހެން ސިފައިން މިހާރު ގެންދަވަނީ، ސިފައިންގެ ލަފާދޭ މަޖިލީހުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުން.'' ރައީސް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކާގައި ވަނީ، މިންތީގެ ހަމަހަމަކަމުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަކީ ބަސް ވިދާޅުވެފައި ނިންމަވާލައްވާ ވެރިއެއްނޫން ކަމަށެވެ. އަދި އަންހެން ސިފައިންނަށް މަޤާމުގެ ކުރިއެރުން 50 އިންސައްތައަށް އިތުރުވެ، ސިފައިންގެ ބޯޑުތަކާއި ކޮމިޓީތަކުގައި އަންހެނުންގެ ޙިއްސާ 120 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރީ 5 އަހަރާ އަޅާބަލާއިރު، މިދިޔަ 3 އަހަރާ ބައިގެ ތެރޭގައި އަންހެނުން ސިފައިންގެ ވަޒީފާއަށް ރެކްރޫޓްކުރެވުނު ނިޞްބަތް 25 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.