އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އަތޮޅުފިހާރަތައް ތަރައްޤީ ކުރުމުގެ ވާހަކަ އެ ކޮންފަރެންސްގައި ދެކެވިފައިވާ ކަމަށެވެ. އެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މާލޭގެ ނޯތު ހާބަރ، ގުޅީފަޅަށް ބަދަލުކުރާއިރުގައި، މުޅި އެ ސަރަޙައްދު ތަރައްޤީ ކުރުމުގެ ޕްލޭނެއް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ގެންގުޅުއްވާ ކަމަށެވެ.
''އޭގެތެރޭގައި ބޮޑު ތަރައްޤީއެއް، ބޮޑު ބަދަލެއް އަންނާނެ ތަނެއްގެ ގޮތުގައި އަތޮޅު ފިހާރަތައް ޑިވެލޮޕް ކުރެވިގެންދާނެ. އެހެން ނަމަވެސް، މިހާރު އެ އޮތްގޮތަށް އޭގެ މަންފާ، އަޅުގަނޑު ހިތުން ލިބެންވާނީ އެ އަތޮޅު ކައުންސިލަކަށް، ސަރުކާރަށް ނުނަގާހާހިނދަކު.'' ރައީސް ވިދާޅުވެފަވެއެވެ.
''އަޅުގަނޑު ހިތުން އެ ނެގުން އެއީ ރަނގަޅު ކަމެއް ނޫން. އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބޭގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔުން އެއީ، އެންމެ ބުއްދިވެރި ގޮތް ކަމަށް އަޅުގަނޑަށް ފެންނަނީ'' އިތުރަށް ރައީސް ވިދާޅުވެފަވެއެވެ.
ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ލ. ގަމުގައި ފެށީ މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ކޮންފަރެންސް ނިންމާލީ މިއަދުއެވެ.
މިކޮންފަރެންސްގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން، 107 ބައިވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކާއި ފަންނީ ދާއިރާތަކުގެ ބޭފުޅުންނާއި އެކު ޖުމުލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެފައި ވަނީ، ދ. ތ. ލ. ގއ. ގދ. ގެ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ. އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީކައުންސިލާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!