ނޫނު އަތޮޅު ކޮމެޓީ ތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅު ކްލަބް، ޖަމިއްޔާތަކަށް މިއަދު ހުޅުވާލައިފިއެވެ.
ނ. އަތޮޅު ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ނޫނު އަތޮޅު ކައުންސިލް ހަތަރުވަނަ ދައުރުގައި ފާސްކޮށްފައިވާ އައު ހިންގާ ގަވާއިދުގައިވާގޮތުން އެ އަތޮޅު އެއްރަށާ އަނެއްރަށާގުޅުވާ ހިންގާދޭ އަތޮޅު ފެންވަރުގެ ކޮމިޓީތަކެއް އެކުލަވާ ހިންގަންޖެހޭ ކަމަށެވެ.
އެހެންކަމުން ތަފާތު ދާއިރާތަކުގެ ކޮމިޓީތަކުގައި އެދާއިރާތަކާ ގުޅުންހުރި ފަރާތްތަކެއް ހިމެނޭގޮތަށް ހިންގުމަށް ޝައުގުވެރިވާ ޖަމުއިއްޔާ، ޖަމާއަތް، ކްލަބް އަދި އެކަޑަމީތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ކައުންސިލްގެ ޕްރޮގްރެސިވް ތަރައްގީ ހިންގުމުގެ ޤަވާއިދުގައި ބަޔާންކުރާ ގޮތުން ޖަމިއްޔާ، ޖަމާއަތްތައް، ކްލަބް އަދި އެކަޑަމީތަކުން ހިންގާ ހަރަކާތްތަކަށް އަތޮޅު ކައުންސިލުން އެއްބާރުލުން ދޭނީ ކޮމެޓީ މަރުޙަލާގައި ބައިވެރިވެ، މަޝްވަރާކޮށް، ދަސްކޮށް، ދަސްކޮށްދީ އަދި ޝާމިލްވާ ފަރާތްތަކަށް ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.
މި ކޮމެޓީތަކުގައި ބައިވެރިވުމަށް ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ އެކަމަށް ޚާއްޞަކޮށްފައިވާ ކިއުއާރުކޯޑު މެދުވެރިކޮށެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދަން ގުޅަންޖެހެނީ ނ. އަތޮޅު ކައުންސިލްގެ 6560012 ނަންބަރު ފޯނަށެވެ.
ނޫނު އަތޮޅު ކައުންސިލްގެ ހިންގާ ޤަވާޢިދަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބުކުރެވިފައިވާ ނޫނު އަތޮޅު ކައުންސިލްގެ ހިންގުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން އެކުލަވާލައިފައިވާ ގަވާއިދެކެވެ. އަދި މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން، ނޫނު އަތޮޅު ކައުންސިލް ހިންގުމަށާއި، ކައުންސިލްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ކަންކަން ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައަޅާ ބަޔާންކޮށްފަވެއެވެ.
ނޫނު އަތޮޅު ކައުންސިލްގެ ޕްރޮގްރެސިވް ތަރައްގީ ހިންގުމުގެ ޤަވާޢިދަކީ، ގާނޫނީ މަސްއޫލިއްޔަތާ ބާރުތަކާ ވާޖިބްތަކާ ހިދުމަތްތައް ވަކި ހަމަޔަކާ އުސޫލަކުން ޒިންމާދާރު އިފެކްޓިވް ހާމަކަންބޮޑު ގޮތެއްގައި އަތޮޅު ކައުންސިލާ، ރަށު ކައުންސިލްތަކާ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އަދާކޮށްދީ ފޯރުކޮށްދިނުމަށް އެއްފަރާތުން އަނެއްފަރާތަށް އެހީތެރިވުމާ އެއްބާރުލުންދިނުމުގައި އަމަލުކުރާނެ ތަރުތީބުތަކާ އިސްކަންދޭނެ ގޮތްތައް ކަނޑައަޅާފައިވާ ޤަވާޢިދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!