ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުން ބަދަލު ނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ކުރިން ނިންމައިފަ އެވެ.
އާޒިމާގެ ފަރާތުން ބުނަމުން ދަނީ ގއ. ވޮޑަމުލާގެ މައްސަލާގައި ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުގައި ކުށް ސާބިތު ނުވުމުން އާޒިމާގެ މައްޗަށް އެކަމާ ގުޅިގެން އިތުރަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ނިންމުން މުރާޖާކުރަން އާޒިމާ ކްރިމިނަލް ކޯޓުގައި މިއަދު ވެސް އެދިވަޑައިގަތެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ ނިންމުމަށް ބަދަލު ގެނެވޭނެ ސަބަބެއް ނެތް ކަމަށެވެ.
މަނީ ލޯންޑްރިންއަށް މަގުފަހިކުރުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ވެސް އާޒިމާގެ މައްޗަށް ކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!