ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނައިފަރު ޑްރާމާ މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
އެކައުންސިލުން މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ދިވެހި ޘަޤާފަތާއި ދިވެހިންގެ ވައްޓަފާޅި އާއި އާދަކާދަ ރައްޔިތުންގެ މެދުގައި ދިރުވައި އާލާކޮށް އެކުވެރިކަމާއެކު ވާދަވެރި ރޫޙެއްގައި ހުނަރާއި ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރ ފުރަތަމަ ދުވަހު ކަމަށެވެ.
3 ކެޓަގަރީ އަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ފުރަތަމަ ކެޓަގަރީ ހާއްސަ ކުރެވިފައިވަނީ ނައިފަރުގައި ދިރިއުޅޭ ފަރާތްތަކަށެވެ. ދެވަނަ ކެޓަގަރީ އަކީ ނައިފަރުގައި ގާއިމްވެފައިވާ ސަރުކާރު އޮފީސްތަކުގެ ކެޓަގަރީ އެވެ. މީގެ އިތުރުން އަމިއްލަ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ވަކި ކެޓަގަރީއެއް ހަމަޖައްސާފައިވެއެވެ.
ޑްރާމާ ހުށައަޅަން ޖެހޭނީ ދިވެހި ބަހުން ނެވެ. މި މުބާރާތަށް ހުށައެޅޭ ޑްރާމާއެއް 10 މިނެޓަށް ވުރެން ކުރުވެގެން ނުވާނެއެވެ. އަދި 20 މިނެޓަށް ވުރެން ދިގުވެގެން ނުވާނެކަމަށް އެ މުބާރާތުގެ ޤަވާއިދުގައި ބުނެފައިވެއެވެ.
މިމުބާރާތަށް ހުށައެޅޭ ކޮންމެ ޑްރާމާއަކުންވެސް މުޖްތަމަޢަށް ޢިބްރަތްތެރި މެސެޖެއް ދޭންވާނެކަމަށް އެޤަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޑުރާމާގެ ޑައިލޮގުގައި އެއްވެސް ރެކޯޑިންއެއް ބޭނުން ކުރުމަކީ މަނާކަމެކެވެ. ޑްރާމާގެ ޕްލޮޓްގެ މައިގަނޑު އާއްމުކޮށްފައިވާ އެހެން އެއްވެސް އުފެއްދުމަކާއި އެއްގޮތްވެގެން ނުވާނެއެވެ. އަދި ހުށައަޅާ ޑްރާމާއަކީ އެހެން އެއްވެސް މުބާރާތެއްގައި އާންމުކޮށްފައިވާ އެެހެން އެއްވެސް އުފެއްދުމަކާއި އެއްގޮތްވެގެން ނުވާނެކަމަށް ޤަވާއިދު ގައި ބުނެފައިވެއެވެ.
ޑްރާމާ މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ނިސްބަތަށްބަލައި ކޮންމެ ޓީމަކަށް ފައިސާގެ އެހީއެއް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.
މުބާރާތުގައި ހޮވާނީ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު 2 ހުށައެޅުމެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު ހުށައެޅުމެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ޑްރާމާއަށް ޝީލްޑް އާއި 7000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފަ އެވެ. އަދި ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. ދެވަނައަށް ކޮންމެ ކެޓަގަރީއަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. މުޅި މުބާރާތުގެ ފައިސާގެ އިނާމްގެ ގޮތުގައި 31000 ރުފިޔާ ކައުންސިލުން ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.
މިމުބާރާތުގެ ޤަވާއިދާއި އަދި ޓީމް ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް އެކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށަށް އެކައުންސިލުން ބުނެއެވެ.
ޓީމް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި އަކީ މިމަހުގެ 29 ވަނަ ދުވަހުގެ 12:00 އެވެ. ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ 12:00 އެވެ.
ނައިފަރަކީ ރާއްޖޭގެ ނިސްބަތުން ފަންނާނުން ގިނަ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!