ރިޝްވަތު ނަގައިގެން ހުކުމުތައް ކުރަމުންދަނިކޮށް، ދިރިހުއްޓައި ހަންގަނޑު ދަމައިގަތް ފަނޑިޔާރު

rishwath

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

މީލާދީން 500 ވަނަ އަހަރު ފާރިސްކަރައިގައި އުޅުނު ނަޒާހަތްތެރިކަމެއް ނެތް ފަނޑިޔާރެކެވެ. ނަމަކީ ސިސާމްނެސް އެވެ. އޭނާގެ އަނިޔާވެރިކަން ކޮޅުންލައިގެން ދިޔައެވެ.

ނަމަވެސް އިންސާފު އައިސް އޭނާއާ ވެސް އަރާ ހަމަކުރިއެވެ. އޭނާގެ މައްޗަށް ކުރެވުނު ހުކުމަކީ ދިރިހުއްޓައި އޭނާގެ ހަށިގަނޑުން ހަންގަނޑު ދަމައިގަތުމެވެ. މީލާދީން 16 ވަނަ ގަރުނުގެ ކުރެހުމެއްގައި އެ މަންޒަރު ސިފަކޮށްދީފައިވެއެވެ.

ސިސާމްނެސްއަކީ ފާރިސް ކަރައިގެ ރަސްގެފާނު ކެމްބިސެސް llގެ ދުވަސްވަރު އުޅުނު ޝާހީ ފަނޑިޔާރެކެވެ. ކޯޓުގައި ރިޝްވަތު ނަގައިގެން ބޭއިންސާފުން ހުކުމުތައް ކުރަމުންދިޔަ ގާޒީއެވެ. ބާރާއި ނުފޫޒުގައި އެތައް ދުވަހަކު ފަނޑިޔާރުކަމުގެ ގޮނޑީގައި ބާރާއި ޢިއްޒަތުގައި އިނެވެ.

އޭނާގެ ޝަކުވާ ކަމާބެހޭ އެކިއެކި ފަރާތްތަކަށް އުފުލެވެ. އެކަމަކު އޭނާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. އޭނާގެ ޝަކުވާއެއް މީހަކު ކަމާބެހޭ ފަރާތެއްގައި ކުރިޔަސް ސިސާމްނެސް ފަނޑިޔާރަށް އޮންނަނީ އެކަމެއް އެނގިފައެވެ. އެހެންވީމާ އަނިޔާ ލިބެނީ ޝަކުވާ ކުރާ މީހުންނަށެވެ. ކުށްވެރިވަނީ ކުށްވެރިޔާއެއް ނޫނެވެ.

މިގޮތުގައި މި ފަނޑިޔާރުގެ އަނިޔާވެރިކަމަށް ރައްޔިތުން މާޔޫސްވެފައި ތިއްބައި، ކޮރަޕްޝަނާއި ފަސާދައިގައި މި ފަނޑިޔާރު އަރާހުރި މިންވަރު ސީދާ ރަސްގެފާނަށް އެނގިވަޑައިގެންފިއެވެ. ނަތީޖާއަކީ ފަނޑިޔާރު ހައްޔަރު ކުރުމަށް އަމުރު ކުރައްވައި، ދިރިހުއްޓައި ހަންގަނޑު ދަމައިގަތުމަށް އަމުރު ކުރެއްވުމެވެ.

މި ހުކުމް ކުރެއްވުމުގެ ކުރިން ރަސްގެފާނު ސިސާމްނެސް އާ ސުވާލުކުރެއްވިއެވެ.

"ތިބާއަށްފަހު ފަނޑިޔާރުގެ މަޤާމަށް އަހުރެން އައްޔަންކުރަން ފެންނަނީ ކާކު ހެއްޔެވެ؟"

ދަހިވެތި ސިސާމްނެސް ބުންޏެވެ. އޭނާގެ ދަރިފުޅު އޮޓަނޭސް އެވެ. ރަސްގެފާނު އެގޮތަށް އެއްބަސްވެ ވަޑައިގެން އޭނާގެ ބަދަލުގައި އޭނާގެ ދަރިފުޅު އޮޓަނޭސް ފަނޑިޔާރުކަމަށް އައްޔަން ކުރެއްވިއެވެ.

އޭގެ ފަހުން އާ ފަނޑިޔާރު އޮޓަނޭސް ތާރީޚީ އަމުރެއް ނެރުއްވިއެވެ. އެ އަމުރުގައި ވަނީ އޭނާގެ ބައްޕަ އަދި ކުރީގެ ފަނޑިޔާރު ސިސާމްނެސްގެ ގައިން ދަމާފައިވާ ހަންގަނޑު ފަނޑިޔާރު އިންނަވާ ގޮނޑިކޮޅުގައި އަޅުވާފައި ބޭއްވުމަށެވެ. ނަޒާހަތްތެރިކަމެއް ނެތި ހުކުމުތައް ކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތައް ހަނދާންކުރުމަށް ޓަކައެވެ. ބުނެވޭ ގޮތުގައި ފަނޑިޔާރު އޮޓަނޭސް، އޭނާގެ ފަނޑިޔާރުކަމުގައި އަދުލަށް ހުކުމްތައް ކުރެއްވީ އޭނާގެ ބައްޕަގެ ހަށިގަނޑުން ދެމި ހަންގަނޑުގެ މަތީގައި އިށީންދެވަޑައިގެން އިންނަވައެވެ.

ހަވާލާ: މައި އާޓް ޑެއިލީ ޑިސްޕްލޭ.ކޮމް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *