ހއ. ހޯރަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މި މަހުގެ ފަހު ހަފްތާގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ހޯރަފުށީ މަގުތަކުގައި ތާރުއަޅަން މިއަހަރު ޖުލައި މަހު ތައްޔާރުވި ނަމަވެސް މަސައްކަތް ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ.
ހޯރަފުށީ މަގުތައް ތަަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ.
މަގު ހެދުމަކީ އެ ރަށަށް މުހިންމު މަޝްރޫއެކެވެ. އެގޮތުން، ވާރޭ ވެހޭ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.
ހޯރަފުށީ މަގުހެދުމުގެ މަސައްކަތުގެ ދަށުން، ތާރުއަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ވަނީ ނިމިފައެވެ. އެގޮތުން ކޭބަލް އަދި ޔުޓީލިޓީ ޖަންކްޝަންތައް ހެދުމާއި، ކާސްޓިން މަސައްކަތްތަކާއި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 5.3 ކިލޯމީޓަރުގެ މަގު ތަރައްޤީކުރާނެއެވެ. މީގެތެރޭގައި 11 މަގެއް ހިމެނޭއިރު، ރަށުގައި އެންމެ ގިނަބަޔަކު ބޭނުންކުރާ ރަށުގެ މައި 6 މަގުވެސް ހިމެނެއެވެ.
ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން މަގުތަކުގެ 5303 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމާއި، ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި ޕޭމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަދި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑްބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!