ވިއަވަތި ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްސަ ކުޅިވަރު ފެސްޓިވަލެއް

Raees Office

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ ކުޅިވަރު މިއަދު ފެސްޓިވަލެއް ބާއްވައިފިއެވެ.

ލ. ގަން، ޒޯން ސްޓޭޑިއަމްގައާއި، އެރަށުގެ ގޮނޑުދޮށް ސަރަޙައްދުގައި ބޭއްވި މި ކުޅިވަރު ފެސްޓިވަލުގެ ޙަރަކާތްތައް ފަށްޓަވައި ދެއްވައި، މި ފެސްޓިވަލްގައި ކުރިޔަށް ދިޔަ ކުޅިވަރު ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މި ކުޅިވަރު ޙަރަކާތްތަކުގައި، ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެލްޖީއޭގެ މެމްބަރުންނާއި، އައި.އާރް.އައިގެ އޮފިޝަލުންނާއި، ޔޫއެންޑީޕީގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކަމާއިގުޅޭ ދާއިރާތަކުގެ ފަންނީ މާހިރުންނާއި، ކައުންސިލްތަކުގެ މެމްބަރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ކުރިޔަށް ގެންދިޔަ ކުޅިވަރު ޙަރަކާތްތަކުގެ ތެރޭގައި، ބީޗް ވޮލީއާއި، ދުވުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ. ގަމުގައި ބާއްވާއިރު، މި ފަހަރުގެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ނިޒާމް ހަރުދަނާކުރުމަށް، ސަރުކާރުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ކަމާއިގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގައި، 4 ސެޝަނެއް ކުރިޔަށް ގެންދާއިރު ކޮންމެ ސެޝަނެއްގައިވެސް ޕްރެޒެންޓޭޝަންތައް ހުށައަޅައި މަޝްވަރާތައް ބާއްވަވާނެ ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރަށްވައެވެ.

ކައުސިލްތަކަށް މާލީގޮތުންނާއި އަދި،  ޤާނޫނީ ގޮތުން އިތުރު ބާރުތައް ލިބިދީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވާފައި ވަނީ، 15 ޑިސެންބަރު 2019 ގައި ބޭއްވި، ފުރަތަމަ ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *