ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނާ އެއްކޮޅަށް ޕީޕީއެމްގެ ކުރީގެ މަޖިލިސް ދެ މެމްބަރަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ހޯދި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނުގެ ދިފާއުގައި މިއަދު ހެކިބަސް ދިނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދެވެ.
ޕީޕީއެމަށް ނިސްބަތްވާ އެ ދެ ބޭފުޅުން ދިފާއީ ހެކިންގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށަހެޅުމުން ކޯޓުގައި މިއަދު ހެކިބަސް ދެމުން ވިދާޅުވީ 2015 ވަނަ އަހަރު އެއް މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދަން މުހައްމަދު އިސްމާއިލަށް ޔާމީން ގުޅުއްވި ކަމަށެވެ. އަދި ޔޫސުފް ނައީމަށް މުހައްމަދު އިސްމާއިލް ގުޅުއްވުމަށްފަހު ޑޮލަރު ވިއްކަން އެދުމުން އެކަމަށް އޭނާ އެއްބަސްވި ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.
އެ ދެ ބޭފުޅުން ވިދާޅުވި ގޮތުގައި ފަހުން ޔޫސުފް ނައީމާ ދިމާވުމުން ޔާމީނަށް ޑޮލަރު ވިއްކައި އަދި ފައިސާ ވެސް ލިބިފައިވާ ކަމަށް ޔޫސުފް ނައީމް ބުނެފައިވެ އެވެ. ޔާމީންގެ ދިފާއުއަކީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެވެ.
ތިން ވަނައަށް މިއަދު ހެކިބަސް ދިނީ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރަން ޔާމީން އެންގުމުން އެ ފައިސާ ގެންގޮސް ހަވާލުކުރި ކަމަށް ބުނާ މީހެކެވެ. އެއީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝްއާ އެކު ޔާމީންގެ ގެކޮޅަށް ގޮސް އެ ފައިސާ 15،420،000ރ. ދަބަހަކަށް އަޅައިގެން ކާރެއްގައި ގެންގޮސް ޔޫސުފް ނައީމަށް ދިން ކަމަށް ބުނެ އެވެ.
އޭނާ ބުނިގޮތުގައި ފައިސާ ހަވާލުކުރުމުގެ ކުރިން ނަރީޝްއާ އެކު ހުރެގެން އެ ފައިސާ ގުނި އެވެ. އަދި ފައިސާ ގުނީ ވަކިވަކި ނޫޓުތަކުން ނޫން ކަމަށާއި ފައިސާ ގުނީ ބަންޑެލިތަކުން ކަމަށް އޭނާ ބުންޏެވެ. އެއީ 500 ރުފިޔާގެ ކުރީގެ ނޫޓުތައް ކަމެއް ނުވަތަ މިހާރު ބޭނުންކުރާ ނޫޓެއް ކަމެއް އޭނާގެ ހަނދާނަކު ނެތް ކަމަށް ބުންޏެވެ.
މީގެކުރިން ނަރީޝް ވެސް ވަނީ ފައިސާ ޔޫސުފް ނައީމަށް ގެންގޮސް ހަވާލުކުރި ކަމަށް ބުނެ ހެކިިބަސް ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!