ރާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވައިފި

Dhivehi Dhidha

އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2 ވަނަ، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވިކަން އިޢުލާނު ކުރައްވާފައި ވަނީ މިކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ރައީސް އޮފީހުން މިރޭ ވިދާޅުވީ، ރާނީ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިނަމަވާފައިވަނީ މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން ކަމުގަ އެވެ. އެއީ ސެޕްޓެންބަރު 09 ވާ ހުކުރު ދުވަހުން ފެށިގެން މިމަހުގެ 11 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ބޭފުޅެކެވެ.

އެކަމަނާ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ސްކޮޓްލެންޑުގެ ގަނޑުވަރެއް ކަމަށްވާ ބެލްމޯރަލް ގަނޑުވަރުގައި ހުންނަވަނިކޮށް ހާލުކޮޅު ގޯސްވެ ފަރުވާ ދެމުން ދަނިކޮންނެވެ. އެކަމަނާ އަކީ އިނގިރޭސިވިލާތުގައި 70 އަހަރު ވަންދެން ރަސްކަން ކުރެއްވި ބޭކަނބަލެކެވެ. ރާނީ އަވަހާރަވިއިރު އެކަމަނާގެ ހުރިހާ ބޭފުޅުން ވެސް ވަނީ ސްކޮޓްލެންޑްގައި ހުންނަ ބެލްމޯރަލް ކާސަލްއަށް ވަޑައިގެންފަ އެވެ.

އިނގިރޭސިވިލާތުގެ އިތުރުން އިތުރު 14 ގައުމެއްގެ ވެސް ރާނީ އަވަހާރަވިއިރު ހަތަރު ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. މީގެ އިތުރުން މާމަ ވިދާޅުވާ 8 ބޭފުޅުންނާއި މުނިމާމަ ވިދާޅުވާ 12 ބޭފުޅުން އެބަތިއްބެވި އެވެ.

އެލިޒަބަތަށް ރާނީގެ ތަޚުތު ލިބިވަޑައިގަތީ އުމުރުފުޅުން 27 އަހަރުގައި ޖޫން 1953 ގަ އެވެ.

ރާނީ އަވަހާރަވުމުން ރަސްކަމުގެ ތަހުތާ ހަވާލުވެވަޑައިގަންނަވާފައިވަނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. އުމުރުފުޅުން 73 އަހަރު ޗާލްސްއަކީ ޕްރިންސަސް ޑަޔާނާގެ ކުރީގެ ފިރިކަލުންނެވެ. ޗާލްސްއަށްފަހު ރަސްކަމުގެ ތަޚުތު ދެން ވާރުތަވާނީ ޗާލްސް އާއި ޑަޔާނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއަށެވެ. އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތު އޮންނާނީ ރާނީ ނުވަތަ ރަސްކަލުންނަށެވެ.

ރާނީ ރާއްޖެއަށް ޒިޔާރަތެއް ކުރެއްވީ 1972 ވަނަ އަހަރުގަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *