އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށް ވާ ޗެލްސީ ފުޓްބޯޅަ ކުލަބްގެ ކޯޗު މަޤާމުގައި ހުރި ތޯމަސް ޓުޗެލް ކުއްލި ގޮތަކަށް އެ މަޤާމުން ވަކިކޮށްފިއެވެ.
ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކުރިކަން އެ ކުލަބުން ހާމަކޮށްފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައު ބުނެފައިވަނީ ޓުޗެލް އެ ޓީމްގެ ކޯޗެއްގެ ގޮތުގައި ހުރެ ކޮށްދީފައިވާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށާއި، ޓުޗެލްއަކީ ޗެލްސީގެ ތާރީޚުގައި ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް އެ ކުލަބަށް ހޯދައިދީފައިވާ ކޯޗެއް ކަމަށެވެ.
ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފައި މި ވަނީ އެ ޓީމްގެ ނަތީޖާތައް ދައްވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޑައިނަމޯ ޒަގްރެބް އަތުން ވެސް ޗެލްސީ ވަނީ ބަލިވެފައެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގައި މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު އެ ޓީމަށް މޮޅު ވެވިފައި ވަނީ ތިން މެޗުންނެވެ. ދެ މެޗުން ބަލިވިއިރު އެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ޓުޗެލް ޗެލްސީގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ ފާއިތުވިއަހަރުގެ ޖަނަވަރީ މަހުއެވެ. މިހާތަނަށް އޭނާ ވަނީ ޗެލްސީއަށް ޗެމްޕިއަންސް ލީގާއި، ޔުއެފާ ސްޕަކަޕުގެ އިތުރުން ކުލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!