ތިން ފުޅި ބަނގުރަލާ އެކު ނ. ވެލިދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

Ad
rt

މި އޮޕަރޭޝަން ހިންގާފައި ވަނީ ވެލިދުއަށް ދަތުރުކުރަމުންދާ ބޯޓަކުން އެ ރަށަށް ބަނގުރާ އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހިނގާ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި އޮޕަރޭޝަނުގައި، ވެލިދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހުން ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރި އޮފް ހޯމް އެފެއާޒުން ކަނޑައަޅަ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.