ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުޅުން ރޭ ފަށާފައިވާއިރު، ގްރޫޕް އެފްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސެލްޓިކް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ.
ރޭ ސެލްޓިކްގެ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ރެއާލުން ރަނގަޅަށް ކުޅުނު ނަމަވެސް ސެލްޓިކުން ވަނީ ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ހަމަލާއެއް ފޮނުވާލާފައި ވަނީ މެޗުގެ 21 ވަނަ މިނެޓުގައި ސެލްޓިކްގެ މެކްގްރެގާއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ރެއާލްގެ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ ބަދަލު ކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުމެފައި ވަނީ ހަޒާޑެވެ. މި މެޗުގައި ހަޒާޑުވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ މި ވަގުތަށް ބަލާއިރު، ބެންޒެމާގެ އަނިޔާގައި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ. އަންޗެލޮޓީ ބުނީ އަނިޔާވުމުގެ ސަބަބުން ހެދި ފުރަތަމަ އިވަލުއޭޝަނުން ވެސް ސީރިއަސް ކަމެއް ފެންނަން ނެތް ކަމަށެވެ.
ފުރަތަމަ ހާފު ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ރެއާލް ފެނުނީ މާ ބޮޑަށް ވެސް ތަފާތުކޮށެވެ. މިގޮތުން އެ ޓީމުން ދެވަނަ ހާފުގައި ތިން ލަނޑު ކާމިޔާބު ކޮށްފައިވާއިރު، ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ވަލްވަޑޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސް ޖޫނިއާއެވެ. ދެވަނަ ލަނޑު 60 ވަނަ މިނެޓުގައި ހަޒާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މިޑްރިޗް ކާމިޔާބު ކޮށްދީފައިވާއިރު، ތިންވަނަ ލަނޑު 77 ވަނަ މިނެޓުގައި ކަރަވަހާލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ހަޒާޑެވެ.
މި ގްރޫޕްގައ ދެން ހިމެނޭ ދެ ޓީމް ކަމުގައިވާ އާރުބީ ލައިޕްޒީގްއާއި ޝަކްތަރ ޑޮނެސްކް ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޝަކްތަރ ޑޮނެސްކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!