އެކި ކުށްތަކުގައި ޖަލަށް ލާފައި ތިބޭ ގައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ގައިދީންނަށް އިސްލާހުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައުއަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މިމަހުގެ 2 ވަނަ ދުވަހު 32 ޤައިދީއަކު އެމީހުންގެ ޢާއިލާތަކާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތަކީ މުޅި މުޖްތަމަޢު އިޞްލާޙްކުރުމުގެ މަތިވެރި މަޤްޞަދުގައި ކުރާ މަސައްކަތެއް ކަމުގައެވެ.
އެމަނިކުފާނު ވިދާޅުވީ މި މަސައްކަތްތަކުގެ ބޭނުމަކީ މުޖްތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމާއި ކޮންމެ ރައްޔިތަކަށް ވެސް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުންކަމަށެވެ. އަދި މިކަންކަން ޙާޞިލުކުރުމަށްޓަކައި ޖަލުތަކަކީ ޤައިދީންނަށް ކިޔަވައިދީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުކުރާ ތަނަކަށް ހަދަންޖެހޭކަމަށާއި އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ދޭ ފަރުވާތަކާއި ނަފްސާނީ ފަރުވާ ދެވޭ ތަނަކަށް ވެސް ޖަލު ވާންޖެހޭކަން އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލަކީ ޤައިދީންގެ ކިބައިގައި ހުންނަ މަސައްކަތުގެ ހުނަރާއި ފަންނުވެރިކަން ތަރައްޤީކޮށް، މަސައްކަތުގެ އަޚުލާޤަށް ހާނުވައިދޭ މަރުކަޒަކަށް ވާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް ސަރުކާރުން ގެންނަވާ މުހިންމު ބަދަލުތަކަށް އަލިއަޅުވާލައްވަމުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދާ އެއްގޮތަށް ހެދި ޖަލުތަކުގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ހުށަހެޅުންތަކާ އެއްގޮތަށް ޖަލުތަކުގެ ކަންކަން އިޞްލާޙްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާއި ޖަލުތަކުގައި ތޮއްޖެހުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް ފަށައި އެ ހަމަތަކަށް ޖަލު އޮފިސަރުން އަހުލުވެރިކުރުމުގެ ތަމްރީންތައް ހިންގަމުން އަންނަކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޕެރޯލްގެ ދަށުން މުޖްތަމަޢަށް ދޫކުރާ ޤައިދީންނަށް "ފަހި ފުރުޞަތު"ގެ ނަމުގައި އިންޓަރންޝިޕް ޕްރޮގްރާމެއް 2020 ވަނަ އަހަރު ސަރުކާރުން ފަށާފައިވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ޤައިދީންގެ ނުފޫޒާއި ދީނީ ހަރުކަށި ފިކުރުގައި ޤައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދާކަން ދާދިފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޖަލުގައި ކުރި ދިރާސާއަކުން، ދެނެގަނެވިފައިވާކަން ފާހަގަކުރެއްވިއެވެ. މިކަންކަމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މައްސަލަ ޙައްލުކުރުމަށް ކަމާ ގުޅުން ހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި 100 މީހުންގެ ޖާގައިގެ ޚާއްޞަ ޔުނިޓެއް މާފުށީ ޖަލުގައި ޤާއިމުކޮށް، އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
ހަމަ އެހެންމެ ޤައިދީން އިޞްލާޙްކޮށް އަނބުރާ މުޖްތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޕެރޯލް ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުމަށް ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތަކުގެ މަސައްކަތްތައް ވެސް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!