ޔުއެފާ ޗެމްޕިއަންސް ލީގް ރޭ ފަށާފައިވާއިރު ގްރޫޕް ޖީގައި މެންޗެސްޓާ ސިޓީއާއި ސެވިއްޔާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފައިވާއިރު، ގްރޫޕް އެޗްގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.

ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ހާލަންޑެވެ. ފުރަތަމަ ހާފު ނިމިފައި ވަނީ މި ނަތީޖާއިންނެވެ.

މެޗުގައި ސިޓީން ކާމިޔާބުކުރި ދެވަނަ ލަނޑު 58 ވަނަ މިނެޓުގައި ކެންސެލޯ ތަނަވަސް ކޮށްދިން ފުރުޞަތުގައި ފިލް ފޮޑެން ކާމިޔާބު ކޮށްދީފައިވާއިރު، 67 ވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގައި ސިޓީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ ރުބެން ޑިއާޒްއެވެ.

މި ގްރޫޕްގައި ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ކޯޕަންހޭގަން ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޑޯޓްމަންޑެވެ. މި މެޗުގައި ޑޯޓްމަންޑަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ މާކޯ ރެއުސް، ގުއެރޭރޯގެ އިތުރުން ބެލިންގހަމްއެވެ.

ރޭ ގްރޫޕް އެޗްގައި ޕީއެސްޖީއާއި ޔުވެންޓަސް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޕީއެސްޖީއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ވަނީ ދެ ލަނޑު ޖާހާފައެވެ. ދެ ލަނޑުވެސް ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. ފުރަތަމަ ލަނޑު 5 ވަނަ މިނެޓުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 22 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައި ވަނީ ހަކީމީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

ޔުވެންޓަސްއިން ދެވަނަ ހާފު ފަށައިގެން ޕީއެސްޖީގެ ގޯލަށް ބާރުބޮޑު ކުރިއިރު، މެޗުގެ 53 ވަނަ މިނެޓުގައި ކޮސްޓިޗް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔުވެންޓަސްއަށް ފަރަގު ކުޑަކޮށްދީފައި ވަނީ މެކެނީއެވެ. މި މެޗުގައި އެމްބާޕޭއަށް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރުމަށް ގިނަ ފުރުޞަތުތަކެއް ލިބިފައެވެ. ނަމަވެސް އެ އެއްވެސް ފުރުޞަތެއްގެ ބޭނުން ހިފިފައިނުވެއެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމް ކަމުގައިވާ ބެންފީކާއާއި މެކާބީ ހައިފާ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ބެންފީކާއިންނެވެ. މެޗުގައި ބެންފީކާއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ރަފާ ސިލްވާގެ އިތުރުން ގިރްމާލްޑޯއެވެ.