އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވިއްސާރަކުރަމުންދާތީ އެތަނުގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ބެންގަލޫރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް ފެންބޮޑުވެ އެކުވަރުގެ ގެއްލުން އަންނަނީ ވަމުންނެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ބެންގަލޫރުގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށާއި މާދަމާ ވެސް ބެންގަލޫރަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.
އެހެންވެ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ބެންގަލޫރުގައި ހުންނަ ރާއްޖޭގެ ޖެނެރަލް ކޮންސިއުލޭޓް މެދުވެރިކޮށް އެ ހިސާބުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެ މީހުންނަށް އަސަރުކޮށްފައިވޭތޯ އާއި އެމީހުންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް ގުޅުނު އެންމެންގެ ހާލު ވެސް ރަނގަޅެވެ.
މިނިސްޓްރީން ބުނީ އެއްވެސް ހާލަތެއް ދިމާވެއްޖެ ނަމަ، ހައި ކޮމިޝަންގެ ހޮޓްލައިން ނަންބަރު 919910040786+ އަށް ނުވަތަ ބެންގަލޫރުގެ ޖެނެރަލް ކޮންސިއުލޭޓްގެ ހޮޓްލައިން ނަންބަރު 918022972754+ ގުޅައި، ރިޕޯޓްކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!