ތިލަމާލެ ބުރިޖުގެ މަސައްކަތަށް އެޅި ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމުގެ ސަރވޭ ކުރަންފަށައިފިއެވެ.

އީޕީއޭއިން ބުނިގޮތުގައި އެ މަޝްރޫޢު ހިންގާ އެފްކޮންސްއާ ގުޅިގެން ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ އެސެސްމަންޓެއް ހަދަން ފަށާފައިވާ ކަމަށެވެ.

Ad
rt

ތިލަމާލެ ބުރިޖު އަޅަން ހެދި ޕްލެޓްފޯމު ވިލިމާލޭގެ ފަރަށް އަރައި އެތަނަށް އެޅުނު ކުނި ނަގާ ސާފުކޮށްފައިވާ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި އެފްކޮންސް ޕްރައިވެޓް ލިމިޓެޑުން ބުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

ބުރިޖުގެ މަސައްކަތް ކުރަމުންދަނިކޮށް މޫސުން ގޯސްވެ އެ ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމް އެތަނުން ނެގުނީ ވެސް ހަފްތާއަކަށް ވެސް ގިނަ ދުވަސްވީ ފަހުންނެވެ. އެކަމުގައި ގިނަބައެއްގެ ކަންބޮޑުވުން އޮތް އިރު، ޕްލެޓްފޯމް ނެގިފަހުން ވެސް އޭގެއިން ފާބައިފާ ދަގަނޑާއި ކުނި ފަރުމަތީގައި ހުއްޓެވެ.

މީގެ ކުރިން މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރަކަށް ކަނޑައަޅާފައިވާ މުހައްމަދު ޖިނާން ސައީދު ވިދާޅުވިގޮތުގައި އެކަން ހިނގަން މެދުވެރިވީ މޫސުމުގެ ސަބަބުނ އެ ސަރަހައްދުގައި އެވަގުތު އޮއެވަރު ހުރިގޮތުންނެވެ. އޭނާ ވިދާޅުވިގޮތުގައި މިފަދަ ބޮޑު މަޝްރޫއެއްގައި އެއީ ހިނގާފާނެ ވަރުގެ ކަމެކެވެ.

ޕްލެޓްފޯމް އެހިސާބަށް ގެންގޮސް އެންކަރ ކުރަން އުޅުމުގެ ތެރޭގައ ހިނގި މި ހާދިސާގެ ސަބަބުން އެ ޕްލެޓްފޯމުގެ އެއްފައި ފަރުތެރެއަށް ވަދެ ތާށިވެފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.