ކުރިއަށް އޮތް ތަނުގައި މިނީބަހުގެ ޚިދުމަތް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުުހު ވިދާޅުވެއްޖެއެވެ.
މާލެ ތެރޭގައި ދުއްވާ މިނީ ބަހުގެ ޚިދުމަތް މިއަދު ފަށާފައިވާއިރު، އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީބަހުގެ ޚިދުމަތް ފެށުމަކީ އެ ނިޒާމު ފުރިހަމަކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ބައިބޯ މާލޭގެ ރައްޔިތުންނަށް ލިބޭ ތަސައްލީ މި ޚިދުމަތްވާނެ ކަމަށާއި، ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް މި ފެށީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާ އަށް މާލޭގައި ބަހުގެ ހިދުމަތް ދޭނީ އެއްވެސް ފީއެއް ނުނަގަ އެވެ. އެއީ ޓްރަޔަލް ޕީރިއަޑުގެ ގޮތުގައެވެ. އޭގެ ފަހުން ކޮޅަކަށް 7ރ. ނަގާނެ އެވެ.
އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން އަދި ސްކޫލް ކުދިން ޔުނީފޯމުގައި އަބަދުވެސް ހިލޭ ދަތުރުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން @RTLnetwork މިނީ ބަހުގެ ޚިދުމަތް ފެށިގެން ދިޔުމަކީ، މިނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް. ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިޚިދުމަތްވެ އިތުރަށް ތަރައްޤީވެގެންދާނެ. pic.twitter.com/sObx6HEMao
— Ibrahim Mohamed Solih (@ibusolih) September 5, 2022
މާލޭގެ އެތެރޭގެ ބަސްތައް ތިން ރޫޓަކުން ދަތުރުކުރާއިރު ބަސް ދަތުރުތައް ފަށާާނީ ފަތިހު 5:45 ގައެވެ. އަދި ނިމޭނީ ރޭގަނޑު 12:15ގައެވެ. 15 މިނެޓުން 15 މިނެޓުން ބަސް ދަތުރުކުރާއިރު މުޅި މާލޭގައި 40 ބަސް ސްޓޮޕް ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!