ބައިނަލްއަޤްވާމީ ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

އެ އިން ޤައުމަކީ ޕެނަމާ އާއި، ގާނާ އާއި އަދި ގެމްބިއާ އެވެ. މީގެ ތެރެއިން މިއީ ޕެނަމާ އިން ރާއްޖެއަށް ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ.

Ad
rt

ޕެނަމާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު އިޓްސެލް ޕަތީނޯ ދޭ ވިލްޔާރެއާލް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި ޕެނަމާގެ އައު ސަފީރު ވަނީ ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، މަލްޓިލެޓަރަލިޒަމްއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅޭގޮތުންނާއި، މޫސުމީ ބަދަލުތަކާއި ގުޅޭގޮތުންނާއި، ޑިމޮކްރަސީއާއި، ކައުންޓަރ ޓެރަރިޒަމްގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ގާނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސަލަންސީ ކުވާކޫ އަސޫމާ ޝެރަމޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތެއްގަ އެވެ.

އޭގެފަހުން ގާނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާއި، ރައީސުލްޖުމްހޫރިއްޔާ އާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ގާނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން ދެ ޤައުމަށްވެސް ފައިދާ ހުރި، އިތުރު ދާއިރާތަކުން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ގާނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ޤައުމެއްކަން ފާހަގަކުރައްވަމުން، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ގެމްބިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސަލަންސީ މުސްތަފާ ޖަވާރާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ވެސް މިއަދު ހެނދުނު އެވެ.

ފަތްކޮޅު އެރުވުމަށްފަހު، ގެމްބިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ އާއިއެކު ކުރިއަށް ގެންދެވި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާ ގެމްބިޔާގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި، ދެޤައުމުން ހިއްސާކުރާ، އިސްލާމީ އަދި ތާރީޚީ ގުޅުންތަކާއި، ދިމިޤުރާތީ އަސާސްތަކުގެ އިތުރުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި ކޮމަންވެލްތް އޮފް ނޭޝަންސްގެ މެމްބަރު ޤައުމުތަކުގެ ގޮތުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ދިވެހިރާއްޖެއާ ޕެނަމާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1989 ވަނަ އަހަރުގައެވެ. ދިވެހިރާއްޖެއިން ގެމްބިޔާ އާއި އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 3 ޖުލައި 1989ގައެވެ. އަދި ދިވެހިރާއްޖެއާ ގާނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1989 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ.