ތިލަމާލެ ބުރިޖު އަޅަން ހެދި ޕްލެޓްފޯމު ވިލިމާލޭގެ ފަރަށް އަރައި އެތަނަށް އެޅުނު ކުނި ނަގާ ސާފުކޮށްފައިވާ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި އެފްކޮންސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

ބުރިޖުގެ މަސައްކަތް ކުރަމުންދަނިކޮށް މޫސުން ގޯސްވެ އެ ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމް އެތަނުން ނެގުނީ ވެސް ހަފްތާއަކަށް ވެސް ގިނަ ދުވަސްވީ ފަހުންނެވެ. އެކަމުގައި ގިނަބައެއްގެ ކަންބޮޑުވުން އޮތް އިރު، ޕްލެޓްފޯމް ނެގިފަހުން ވެސް އޭގެއިން ފާބައިފާ ދަގަނޑާއި ކުނި ފަރުމަތީގައި ހުއްޓެވެ.

Ad
rt

އެ ކުންފުނިން ބުނިގޮތުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕްލެޓްފޯމް ނެގުމަށް ފަހު، އެޔާ ޖެހިގެން އައި ދުވަހު އެތަނުން ކުނި ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކަމަކު އެ މަސައްކަތް ވެސް ލަސްވީ މޫސުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ އެ މަސައްކަތަށް އެންމެ ފަހުގެ މެޝިނަރީޒް އާއި އާލާތްތައް ބޭނުން ކުރި ކަމަށެވެ. އަދި މިހާރު އިންތިޒާރު ކުރަމުން އަންނަނީ އީޕީއޭއިން އެ ސަރަހައްދު ސާވޭކޮށް ހޯދާ ހޯދުންތަކަށް ކަމަށް ބުނެއެވެ. އަދި އެ ފަރަށް ލިބުނު ގެއްލުމަށް ޒިންމާ ނަގާނެ ކަމަށެވެ.

މި ހާދިސާގައި ތިން މީހަކަށް އަނިޔާވި އިރު، ފަރަށް ލިބުނު ގެއްލުމުގެ ސާވޭއެއް އެއް ހަދާނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ. އެކަމަކު އަދި އެ ސާވޭ ފެށި ކަން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރަކަށް ކަނޑައަޅާފައިވާ މުހައްމަދު ޖިނާން ސައީދު ވިދާޅުވިގޮތުގައި އެކަން ހިނގަން މެދުވެރިވީ މޫސުމުގެ ސަބަބުނ އެ ސަރަހައްދުގައި އެވަގުތު އޮއެވަރު ހުރިގޮތުންނެވެ. އޭނާ ވިދާޅުވިގޮތުގައި މިފަދަ ބޮޑު މަޝްރޫއެއްގައި އެއީ ހިނގާފާނެ ވަރުގެ ކަމެކެވެ.

ޕްލެޓްފޯމް އެހިސާބަށް ގެންގޮސް އެންކަރ ކުރަން އުޅުމުގެ ތެރޭގައ ހިނގި މި ހާދިސާގެ ސަބަބުން އެ ޕްލެޓްފޯމުގެ އެއްފައި ފަރުތެރެއަށް ވަދެ ތާށިވެފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.